17 Sep 2014, 15:08
ވޮޝިންޓަން (ސެޕްޓެމްބަރ 17) : ޢިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ނައްތާލުމަށް ކުރާ ހަނގުރާމައިގާ އެމެރިކާގެ އެއްގަމު ސިފައިން އިރާގަށް ފޮނުވުމަށް އެދި އެމެރިކާ ސަރުކާރަށް ލަފާއަރުވަން ޖެހިދާނެ ކަމަށް އެގައުމުގެ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް މާޓިން ޑިމްޕްސީ ވިދާޅުވެއްޖެ އެވެ.
ސެނެޓްގެ އަސްކަރީ ކަންތައްތަކާ ބެހޭ ކޮމިޓީގެ ކުރިމަތީގައި ވާހަކަ ދައްކަވަމުން ޖެނެރަލް ޑިމްޕްސީ ވިދާޅުވީ އައިއެސް ބަލިކޮށްލުމަށް ރައީސް ބަރަކް އޮބާމާ މިހާރު ގެންގުޅުއްވާ ސްޓްރެޓެޖީ ކާމިޔާބުވާ ގޮތް ނުވެއްޖެ ނަމަ އައިއެސް އާ ސީދާގޮތެއްގައި ކުރިމަތިލުމަށް ޓަކައި އެމެރިކާގެ އެއްގަމު ސިފައިން އިރާގަށް ފޮނުވުމަށް އޮބާމާއަށް ލަފާއަރުވަން ގަސްދުކުރާ ކަމުގަ އެވެ. ޖެނެރަލް މާޓިން ޑިމްޕްސީ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އައިއެސްއާ ދެކޮޅަށް އެއްގަމުމަގުން ހަނގުރާމަ ކުރުމުގެ ރޭވުމެއް ނެތްކަމަށާއި މިހާރު ޕްލޭން ކުރެވިފައި ވަނީ ހަމައެކަނި ވައިގެ މަގުން ހަމަލާ ދިނުމަށް އެކަނި ކަމަށް ވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ މީގެ ދެ ދުވަސްކުރިން ވާހަކަ ދައްކަވާފައި ވަނިކޮށެވެ.
ކެރީ ވިދާޅުވެފައި ވަނީ އެއްގަމު މަގުން އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ބައިވެރިވާނީ އިރާގު ސިފައިންނާއި ކުރުދީންގެ ބިޝްމަރުގާ ޖަމާއަތުގެ ހަނގުރާމަވެރިން އެކަނި ކަމަށާއި އެމީހުންނަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއާއި އެމެރިކާގެ ބައިވެރިން އައިއެސްގެ އަމާޒުތަކަށް ދޭނީ ހަމައެކަނިވައިގެ ޙަމަލާތައް ކަމުގަ އެވެ.
އިރާގުގެ ޚާރިޖީ ވަޒީރު އިބްރާހީމް އަލްޖަޢްފަރީވެސްވަނީ އައިއެސްއާ ދެކޮޅަށް ބިންމަތީގައި އަސްކަރީ އޮޕަރޭޝަންތަކެއް ހިންގާނީ ހަމައެކަނި އިރާގުން ކަމަށާ އައިއެސްއާ ހަނގުރާމަ ކުރުމަށްޓަކައި ބޭރުގެސިފައިން އިރާގަށް ގެނައުމުގެ ރޭވުމެއްނެތް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް މާޓިން ޑިމްޕްސީ ވިދާޅުވީ އެމެރިކާގެ އެއްގަމު ސިފައިން އިރާގަށް ފޮނުވައިގެން މެނުވީ އައިއެސް ޖަމާއަތް ބަލިކޮށްނުލެވޭނެ ކަމަށް ފެނިއްޖެ ޙާލަތެއްގައި އެމެރިކާގެ އެއްގަމު ސިފައިން އިރާގަށް ފޮނުވުމަށް އޮބާމާއަށް ލަފާއަރުވަން އޭނާ ގަސްދުކުރައްވާ ކަމުގަ އެވެ.
ހަމައެކަނި ވައިގެ ހަމަލާތައް ދީގެން އައިއެސް ބަލިކޮށްލުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއްނޫންކަމަށް އަސްކަރީ ގިނަ ތަޖްރިބާކާރުން ދެކެ އެވެ. އަދި އެއްގަމު މަގުން އައިއެސްގެ ހަނގުރާމަވެރިންނާ ކުރިމަތިލުމަކީ އެޖަމާއަތުގެ އަތްދަށުން އެމެރިކާ ސިފައިންގެ ގިނަ ބަޔަކު މަރުވެ ޒަޚަމްވެ އަދި އަސީރުންގެ ގޮތުގައި ހައްޔަރު ކުރުމުގެ ފުރްސަތު ބޮޑުކަމެއް ކަމުން މިއީ އެމެރިކާއަށް ކުރަންފަސޭހަ ކަމަކަށް ނުވާނެ ކަމަށްވެސް އަސްކަރީ ތަޖްރިބާކާރުން ދެކެ އެވެ.
އައިއެސްގެ ގިނަ ކޮމާންޑަރުންނަކީ އިރާގުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ދުވަސްވަރު އިރާގުގައިއޮތް އެންމެ ބާރުގަދަ ލަޝްކަރުކަމަށްވާ ޖުމްހޫރީ ގާޑުންގެ ލަޝްކަރުތަކުގެ ސިފައިންކަމަށް ޚަބަރުތައް ބުނެ އެވެ. މީގެއިތުރުން އެމެރިކާ ސިފައިން އިރާގު އަޅުވެތިކޮށްގެން އުޅުނު ދުވަސްވަރު އެމެރިކާ ސިފައިންނާ ދެކޮޅަށް ގެރިއްލާ ހަނގުރާމަކޮށް އެމެރިކާ ސިފައިންގެ އެތަށް ބަޔަކު މެރުމުގެ ތަޖްރިބާހުރި އިރާގުގެ ޒުވާން އެތަށް ހަނގުރާމަވެރިންނެއް (އޭރުގެ އަލްގާއިދާއަށް ނިސްބަތްވާ) އައިއެސްގައި ހިމެނޭކަމަށް ވެ އެވެ.
އައިއެސްއިން އިރާގު ސިފައިންގެ އެތަށް ހަތިޔާރު ގުދަނެއް ހިފުމުގެ އިތުރުން އިރާގުގެ އެތަށް ބޭންކެއްވެސް އެމީހުންގެ އަތްދަށަށް ދިޔުމުން އެޖަމާއަތުގެ އަތުގައި ފައިސާއާއި ރަނާއި ހަތިޔާރު ގިނަ އަދަދަކަށް ހުރިކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ. އެމެރިކާއަކީ ދުނިޔޭގެ އެއްވަނަ އަސްކަރީ ބާރުކަމަށް ވިޔަސް ގެރިއްލާ ހަނގުރާމަކުރާ ޖަމާއަތްތަކާ އެއްގަމު މަގުން ކުރިމަތިލައިގެން މިހާތަނަށް އެމެރިކާއަށް ކާމިޔާބެއް ހޯދިފައެއް ނުވެ އެވެ. މިގޮތުން އިރާގާއި އަފްޣާނިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް އެއްގަމުމަގުން އެމެރިކާ ހިންގާފައިވާ އަސްކަރީ އޮޕަރޭޝަންތަކުގައި އެމެރިކާ ސިފައިންނަށް އެދެވޭ ކާމިޔާބެއް ލިބިފައެއްނުވެ އެވެ. އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތާދެކޮޅަށް އެއްގަމުމަގުންނާއި ވައިގެ މަގުން 12 އަހަރުވަންދެން އެމެރިކާ ކުރިހަނގުރާމައިގާވެސް ތާލިބާނުން ބަލިކޮށްލުމުގައި އެމެރިކާއާއި ނޭޓޯގެ ބާރުގަދަ ލަޝްކަރުތައްވަނީ ނާކާމިޔާބުވެފަ އެވެ.
އަނެއްކޮޅުން މެދުއިރުމަތީގެ އެންމެ ބާރުގަދަ އިސްލާމީ ތިންގައުމު ކަމަށްވާ އީރާނާއި ތުރުކީއާއި މިސްރު ވަނީ އެމެރިކާ އިސްވެ އޮވެގެން އައިއެސްއާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންގައި ބައިވެރިނުވާނެކަން ހާމަކޮށްފަ އެވެ. ތުރުކީވަނީ އައިއެސްއަށް ޙަމަލާދިނުމަށް އެގައުމުގެ ވައިގެ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ނުދޭނެކަމަށް ބުނެފަ އެވެ. މިސްރުގެ ސަރުކާރުންވަނީ އެގައުމުގެ ސިފައިން ބޭރުބަޔަކާ ހަނގުރާމަ ކުރުމުގައި ބައިވެރިނުވާނެ ކަމަށް ބުނެފަ އެވެ. އަސްކަރީ ޓެކްނޮލޮޖީއާއި ހަތިޔާރު ވަރަށް ބޮޑަށް ތަރައްގީކޮށްފައިވާ އީރާނުން ބުނެފައިވަނީ އެމެރިކާގެ ކޮމާންޑްގެ ދަށުން ކުރާ ހަނގުރާމައެއްގައި ބައިވެރިނުވާނެ ކަމުގަ އެވެ.
އެހެންކަމުން އައިއެސްއަކީ އީރާނާ ކިތަންމެ އިދިކޮޅު ޖަމާއަތެއް ނަމަވެސް އެމެރިކާއަށް ލަނޑު ދިނުމުގެ ގޮތުން އީރާނުން ސިއްރިޔާތުގައި އައިއެސްއަށް ހަތިޔާރު ފޯރުކޮށްދިނުމަކީ އެކަށީގެންވާ ކަމެއްކަމަށް މުޙައްލިލުން ދެކެ އެވެ. އަފްޣާނިސްތާނުގެ ތާލިބާނުންނަކީވެސް އީރާނާ ވަރަށް އިދިކޮޅު އަދި ދުޝްމަން ޖަމާއަތެކެވެ. ނަމަވެސް އަފްޣާން ހަނގުރާމައިގާ އީރާނުންވަނީ ތާލިބާނުންނަށް އެތަށް ސަތޭކަ މިލިޔަން ޑޮލަރެއްގެ ހަތިޔާރު އެކިފަހަރުމަތިން ފޯރުކޮށްދީފައި ކަމަށް ޚުދު ތާލިބާނުން އެއްބަސްވެފައިވެއެވެ. މިގޮތަށް ހަތިޔާރު ފޯރުކޮށްދިނުމުގައި އީރާނުގެ އެއްބޭނުމަކީ އެގައުމުން އުފައްދާ ހަތިޔާރުގެ އަޖުމަ ބެލުންކަމަށް ޚަބަރުތައް ބުނެ އެވެ.
އަލްގާއިދާއަކީވެސް އީރާނާ އިދިކޮޅު ޖަމާއަތެކެވެ. ނަމަވެސް އެމެރިކާ ސިފައިން 2001 ވަނަ އަހަރު އަފްޣާނިސްތާނަށް އަރައިގަތުމުން އަލްގާއިދާގެ ބައެއް އިސްލީޑަރުންނަށް އީރާނުގެ ބިމުން ހިޔާވަހިކަން ދިންކަން ފަހުން ހާމަވެގެން ގޮސްފައިވެ އެވެ. އެހެންކަމުން އިރާގުގައި ވެރިކަންކުރާ އީރާނަށް ތާއީދުކުރާ ސަރުކާރަށް ނުރައްކާނުވާ މިންވަރަށް އީރާނުން އައިއެސްއަށް ހަތިޔާރު ފޯރުކޮށްދީފާނެ ކަމަށާ މިއީ އެމެރިކާއަށް ލަނޑުދިނުމުގެގޮތުން އީރާން ކޮށްފާނެ ކަމެއްކަމަށް އެމެރިކާގެ ބައެއް ނޫސްތަކުންވެސް ބުނެފައިވެ އެވެ.
ޖެނެރަލް ޑިމްޕްސީގެ ބަޔާނަށްފަހުވެސް ވައިޓް ހައުސްއިންވަނީ އައިއެސްއާ ދެކޮޅަށް އެއްގަމުމަގުން ހަނގުރާމަކުރަން އެމެރިކާ ބޭނުންނުވާ ކަމަށް ބުނެފަ އެވެ. (ނޫސްއެޖެންސީތައް)