ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މެދުތެރެއާއި ދެކުނު ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވޭތީ އެކަމަށް ސަމާލު ވުމަށް މޫސުމާ ބެހޭ އިދާރާ އިން އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުގެ މީޓިއަރޮލިޖިކަލް ފޯކާސްޓަރު އަބްދުﷲ ހާފިޒު މިއަދު ސަން އަށް ވިދާޅުވީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިދުވަސްކޮޅު ވިއްސާރަކޮށް ކުރާނެ ކަމަށް ފޯކާސްޓް ދައްކާ ކަމަށާއި މި ވިއްސާރާގައި މެދުރާއްޖެތެެރެ އާއި ދެކުނުގެ ބައެއް ރަށްރަށުގައި ބޯކޮށް ވިއްސާރަވުމުގެ ސަބަބުން ފެންބޮޑުވަމުންދާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ.

"ވައި އެވްރެޖްކޮށް ތަންކޮޅެއް ބާރުކޮށް މިއުޅެނީ މެދުރާއްޖެތެރެ އާއި އުތުރުގައި، އެހެން ނަމަވެސް މެދުތެރެއާއި ދެކުނުގައި ދޭތެރެއަކުން އަންނަ ވިލާގަނޑުގައި އެންމެ ބޯކޮށް ވާރޭ މިވެހެނީ. ވާރޭގެ ސަަބަބުން ލިބިދާނެ ގެއްލުމަކަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރޭ،" ހާފިޒު ވިދާޅުވި އެވެ.

ގދ. ތިނަދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި -- ފޮޓޯ ސަންގެ ކިޔުންތެރިއެއް

މޫސުމާ ބެހޭ އިދާރާ އިން ބުނީ މެދުރާއްޖެ ތެރެއާއި ދެކުނަށް ދޭތެރެ ދޭތެރެއިން އަންނަ ވިލާގަނޑުގައި ގާތްގަނަޑަކަށް 35 އާއި 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މީގެ އިތުރުން މިދުވަސްވަރު ރާއްޖޭގެ ކަނޑުތައް މެދުރާއްޖެ ތެރެއާއި އުތުރުގައި ގަދަވާނެތީ ކަމަށާއި އެ ސަރަހައްދުތަކުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.