17 Sep 2014, 14:36
ނ. ވެލިދޫގައި ގަވާއިދާ ޚިލާފަށް 80 އަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރަމުންދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ވެލިދޫން މިއަދު "ސަން" އަށް މައުލޫމާތު ހިއްސާކުރި މީހަކު ބުނީ އެ ރަށުގައި ގާތްގަނޑަކަށް 80 އަށް ވުރެ ގިނަ ބިދޭސީން ގަވާއިދާ ޚިލާފަށް އުޅެމުންދާ ކަމަށާއި އެމީހުން ގެންގުޅޭ މީހުން އެމީހުން ލައްވައި ނުއަގުގައި ގިނަ މަސައްކަތްތަކެއް ކުރުވަމުން ގެންދާ ކަމަށެވެ.
"އަޅުގަނޑުމެން ބިދޭސީން މި ގެންގުޅެނީ ދައްކަން ޖެހޭ ހުރިހާ ފީއެއް ދައްކައިގެން މުޅިން ގަވާއިދަށް ފައްތައިގެން. އެކަމަކު ގަވާއިދާ ޚިލާފަށް ގެންގުޅޭ މީހުން އެމީހުން ލައްވައި ރާނައި ސިމެންތި ޖެހުން ފަދަ މަސައްކަތްތަކެއް ނުއަގުގައި އެބަ ކުރުވާ. އެހެންވީމާ އަޅުގަނޑުމެންނަށް އޭގެ އުނދަގުލާއި ގެއްލުން ވަރަށް ބޮޑު،"
އޭނާ އިތުރަށް ބުނީ އެ ޝަކުވާ ރަށުގެ ގިނަ ބަޔަކު ކުރަމުން އަންނަ ކަމަށާއި މައްސަލަ ބަލައި ދިނުމަށް އެދި ކައުންސިލަށް މައްސަލަ ހުށަހަޅާފައި ވެސް ވާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ކައުންސިލްގެ ފަރާތުން އެކަމަށް އެއްބާރުލުމެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
ވެލިދޫ ކައުންސިލް މެންބަރު އިބްރާހިމް ގާސިމް މިއަދު "ސަން" އަށް ވިދާޅުވީ އެ ރަށުގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅޭ ކަމަށެވެ. އަދި އިމިގްރޭޝަނާ ގުޅިގެން އެމީހުން "ސައްހަ" ކުރުމުގެ މަސައްކަތް ކައުންސިލުން ކުރާ ކަމަށާއި އެކަމަށް އިމިގްރޭޝަނަށް މުހުލަތެއް ދީފައިވާ ކަމަށެވެ.
"ގަވާއިދާ ހިލާފަށް ބިދޭސީން އުޅޭ ކަމަށް އަޅުގަނޑުމެންނަށް އެބައޮތް މައްސަލަ ހުށައަޅާފައި. އަޅުގަނޑުމެން އެ މައްސަލަ ބަލަން އިމިގްރޭޝަނަށް މުހުލަތެއް ދީފައި ވާނީ. މާ ލަސްވަންޏާ އަޅުގަނޑުމެންގެ ވިސްނުން ހުރީ އެމީހުން ގެންގޮސް އިމިގްރޭޝަނަށް ހަވާލުކުރަން،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ރަށުގައި 269 ބިދޭސީން އެކި މަސައްކަތްތަކުގައި ހަރަކާތްތެރި ވަމުން ދެއެވެ. އޭގެ ތެރެއިން ގިނަ ބިދޭސީންތަކެއް ގަވާއިދާ ހިލާފަށް އުޅޭ މައްސަލަ އިމިގްރޭޝަނަށް ހުށައަޅާފައި ވޭތޯ އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ. ނަމަވެސް އިމިގްރޭޝަނުން ބުނި ގޮތުގައި އެފަދަ މައްސަލައެއް އުޅޭ ނަމަ ކައުންސިލުން އެ މައްސަލައެއް އިމިގްރޭޝަނާ ގުޅިގެން ބަލަން ޖެހެ އެވެ.