17 Sep 2014, 14:12
ލަންކާގައި ބާއްވާ ބައިނަލްއަގުވާމީ ކޮންފަރެންސްއެއް އިފްތިތާހު ކުރެއްވުމަށް ރައީސްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން މާދަމާ ލަންކާ އަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރިޖަމާން އިބްރާހިމް މުއާޒް މިއަދު ސަން އަށް ވިދާޅުވީ ރައީސް މާދަމާ ކުރައްވާ ދަތުރުފުޅަކީ ލަންކާގައި ފެށުމަށް ހަމަޖެހިފައިވާ އަށް ވަނަ "ޖެނެރަލް އެސެމްބުލީ އޮފް އިންޓަނޭޝަނަލް ކޮފަރެންސް އޮފް އޭޝިއަން ޕާޓީސް" އިފްތިތާހް ކޮށްދިނުމުގެ ހަފްލާއަށް ލަންކާގެ ރައީސް މަހިންދަރާޖް ޕަކްސާ ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މުއާޒް ވިދާޅުވީ ލަންކާގެ ދަތުރުފުޅަށް ފަހު ދެން އެމަނިކުފާން ވަޑައިގަންނަވާނީ ސިންގަޕޫރަށް ކަމަށާއި އެދަތުރުފުޅަކީ ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ހުސިއެން ލޫންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެ ދަތުރުފުޅުގައި ސިންގަޕޫރުގެ ބޮޑުވަޒީރާ ރައީސް ޔާމީން ބައްދަލުކުރައްވާނެ ކަމަށް މުއާޒް ވިދާޅުވި އެވެ.
އެ ދެ ދަތުރުފުޅަކީ ކިތައް ދުވަހުގެ ދަތުފުޅެއްތޯ ސުވާލުކުރުމުން މުއާޒް ވިދާޅުވީ "މިއީ ވަރަށް ކުރު ދެ ދަތުރުފުޅު" ކަމަށެވެ.
އެދެ ދަތުރުފުޅުގައި ވެސް ރައީސްގެ އަރިހުގައި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް(މުންދު) އާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
އެދެ ދަތުރުފުޅަށް ފަހު ރައީސް ޔާމީން ހައްޖުގެ މާތް އަޅުކަން އަދާކުރެއްވުމަށް ފުރާވަޑައިގަތުމަށް ނިންމާފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.