އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގެ ގްރޫޕް ސްޓޭޖްގައި ރާއްޖޭގެ 23 އަހަރުން ދަށުގެ އަންހެން ފުޓްބޯޅަ ޓީމު ކުޅުނު ދެވަނަ މެޗުގައި މިއަދު ތައިލެންޑުގެ އަންހެން ފުޓްބޯޅަ ޓީމާ ވާދަކޮށް 10-0 ލަނޑުން ރާއްޖެ ބަލިވެއްޖެ އެވެ.

ކޮރެއާގެ އިންޗިއޮންގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އަވައްޓެރި އިންޑިއާއާ ވާދަކޮށް ރާއްޖެ ވަނީ 15-0 ލަނޑުން ބަލިވެފައެވެ.

މެޗަށް އެރުމުގެ ކުރިން ދެޓީމުގެ ކެޕްޓަނުން ފްލެގް ބަދަލުކުރަނީ -- އެމްއޯސީ ފޮޓޯ: ޝިމާޒު ޢަލީ

މިއަދުގެ މެޗުގައި ތައިލެންޑުން ރާއްޖެ ކޮޅަށް ޖެހި 10 ލަނޑުގެ ތެރެއިން 7 ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ ޓީމުން ރާއްޖެ ކޮޅަށް ޖެހި 15 ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި އެޓީމު ވަނީ ރާއްޖެ ކޮޅަށް 9 ލަނޑު ޖަހައިފައެވެ.
ރާއްޖެއާއި ތައިލެންޑް މިއަދު ކުޅުނު މެޗުގެ ތެރެއިން -- އެމްއޯސީ ފޮޓޯ: ޝިމާޒު ޢަލީ

މި ގްރޫޕުގައި ތައިލެންޑް ކުޅުނު ފުރަތަމަ މެޗުގައި ކޮރެއާއާ ވާދަކޮށް އެޓީމު ވަނީ، 5-0 އިން ބަލިވެފައެވެ. އެހެން ކަމުން މިއަދުގެ މެޗުގެ ނަތީޖާއާއެކު ދެ މެޗު ކުޅެގެން ތިން ޕޮއިންޓާއެކު ތައިލެންޑު އޮތީ ގްރޫޕު "އޭ"ގެ ތިން ވަނައިގައެވެ. އެއްމެޗުން ތިން ޕޮއިންޓާއެކު ކޮރެއާ ދެވަނައިގައި އޮތްއިރު، ތިން ޕޮއިންޓް ފައިދާ 15 ގޯލާއެކު އެެއްވަނައިގައި އޮތީ އިންޑިއާ އެވެ. ޕޮއިންޓެއް ނުލިބި 25 ލަނޑުގެ ގެއްލުމާއެކު ރާއްޖެ އޮތީ ގްރޫޕުގެ ފުލުގައެވެ.
ތައިލޭންޑާ ދެކޮޅަށް ރާއްޖޭގެ ޓީމުން ނެރުނު ފުރަތަމަ 11 -- އެމްއޯސީ ފޮޓޯ: ޝިމާޒް ޢަލީ


ގްރޫޕް އޭގެ މިއަދު ކުޅޭ ދެވަނަ މެޗުވައި ވާދަކުރާނީ، އިންޑިއާއާއި ކޮރެއާ އެވެ. އަދި މި ގްރޫޕްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މި މަހުގެ 21 ވަނަ ދުވަހު ނުކުންނާނީ ވަރުގަދަ ކޮރެއާ ދެކޮޅަށެވެ.