17 Sep 2014, 13:32
ބިދޭސީންގެ ހައްގުތަކާ ބެހޭ މުއާހަދާގައި ރާއްޖެ އިން ސޮއި ނުކޮށް އޮތް އެންމެ ބޮޑު ސަބަބަކީ ބިދޭސީންނާ މެދު ދިވެހިން ދެކޭ ގޮތެއްގެ ސަބަބުން ކަމަށް ބަންޑާރަ ނައިބު އަހުމަދު އަނިލް ވިދާޅުވެއްޖެ އެވެ.
އިންޓްނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް)އާއި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ ގުޅިގެން ބޭއްވި އެންޓި ހިއުމަންޓްރެފިކިން އާ ގުޅޭ ބައްދަލުވުން ނިންމުމަށް މިއަދު ހެނދުނު "ޝީ ބިލްޑިން"ގައި ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ ބިދޭސީންނަކީ އިންސާނުން ކަމަށް ދިވެހިން ނުދެކުމަކީ މުއާހަދާގައި ސޮއި ނުކުރުމުގެ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.
އަދި ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއަހާދާ ފިޔަވައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާ ގުޅޭ އެހެން ހުރިހާ މައިގަނޑު މުއާހަދާތަކުގައި ރާއްޖެ އިން ބައިވެރިވެފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބިދޭސީންނާ މެދު ދެކޭ ގޮތް ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.
"އިންސާނީ ހައްގުތަކާ ބެހޭ މައިގަނޑު ހުރިހާ މުއާހަދާއެއްގައި [ރާއްޖެ އިން] ވަނީ ބައިވެރިވެފައި، އެންމެ މުއާހަދާއެއް ފިޔަވައި. އެއީ ބިދޭސީންގެ ހައްގުތަކާ ބެހޭ މުއާހަދާ. ސަބަބުތަކެއް އެބަހުރި. އޭގެ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް އަޅަގަނޑު ދެކެނީ ދިވެހި ރާއްޖޭގެ މީހުންގެ ވިސްނުން، ބިދޭސީ މީހުންނަކީ އިންސާނުން ކަމަށް ނުދެކޭ ނުދެކުން. އެހެންވީމާ އެކަމަށް އަޅުގަނޑުމެން އެބަޖެހޭ ހައްލުތަކެއް ހޯދަން. އަޅުގަނޑުމެންގެ ވިސްނުން އެބަޖެހޭ ބަދަލުކުރަން،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
އަނިލް އަދި ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއަކު ގާނޫނާ ހިލާފުވެފައިވާ ހާލަތެއް އައި ނަމަވެސް އެއީ އެ ބިދޭސީއަކާ މެދު އިންސާނިއްޔަތާއި ހިލާފަށް އަމަލު ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ވިސްނަދޭން ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
[ބައެއް ފަރާތްތަކުން ބުނޭ]. އެމީހުން [ބިދޭސީން] އަތުގައި އޮންނަންވާ ވޯކްޕާމިޓް، ޕާސްޕޯޓެއް ނޯވެއޭ، އެމީހުނަކީ ސައްހަ ގޮތުގައި ރާއްޖޭ އެތެރެވެފައިވާ ބައެއް ނޫނޭ، އެ ސަބަބަށް ޓަކައި އެމީހުނަކީ ތިބެގެންވާނެ ބައެއް ނޫނޭ. އެމީހުނަކީ ގާނޫނުތަކުގެ ދަށުން ކުށްވެރިވެފައިވާ ބައެކޭ. ތެދެއް، ދިވެހި ރާއްޖޭގެ ގާނޫނުތަކުން ކުށްވެރިވާނެ. އިމިގްރޭޝަން ގާނޫނުގެ ދަށުން ކުށްވެރިވެފައި ތިބި ބައެއް. އެހެން ނަމަވެސް އެމީހުން އެ ހާލަތަށް އަންނަނީ ކިހިނެތްކަމާއި އެއީ ބަޔަކު މަޖުބޫރުން ކުރުވާ ކަމެއްކަން އަޅުގަނޑުމެން އެބަޖެހޭ ދެނެގަންނަން. އަދި އަމުދުން އެމީހުން އެކުރި ކުށެއްކަމުގައިވީ ނަމަވެސް އެމީހުނަށް އިންސާނަކަށް ވީތީ ލިބިދޭން ޖެހޭ ހައްގުތަކެއް ވެސް އޮވޭ. އޭގެ މާނައަކީ އެއްވެސް ހާލަތެއްގައި އެމީހާގެ ޕާސްޕޯޓް ގެއްލުވާލުމެއް ވެސް ނޫން. އެމީހާކުރި މަސައްކަތުގެ އުޖޫރަ ނުދިނުމެއް ވެސް ނޫން. އަދި ވަލު ޖަނަވާރުންގެ ގޮތުގައި ގެންގުޅުމެއް ވެސް ނޫން،" އަނިލް ވިދާޅުވި އެވެ.
ބައެއް ބިދޭސީން ހައްޔަރުކޮށް ޗޭން އަޅުވާފައި ތިބޭ އިރު ބައެއް ބިދޭސީން ގެންގުޅޭ ގެތަކަކީ އިންސާނުން ގެން ގުޅެން ހެޔޮވާރުގެ ތަން ތަން ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހިއުމަންޓްރެފިކިން ނުވަތަ "ވަގުފާރި" ކުރުމަކީ ޒަމާނީ އަޅުވެތިކުރުން ކަމަށާއި އެކަން ރާއްޖެގައި ވެސް ކުރަމުންދަނީ ވަރަށް ފޮރުވިގެން ވަރަށް "ނޭއްގާނީ" ގޮތަކަށް ކަމަށް ވެސް އަނިލް ވިދާޅުވި އެވެ. އަދި ހިއުމަންޓްރެފިކް ކުރެވޭ މީހާ އަށް އޭނާ ގާނޫނުން ލިބިދީފައި އޮންނަ ހިމާޔަތް ނޭނގޭ ކަމާއި އެމީހުން ލައްވާ ގަވައިދާ ހިލާފަށް މަސައްކަތްތައް ކުރުވަނީ އޮޅިވާލަގެން ކަމަށް ވެސް އަނިލް ފާހަގަ ކުރެއްވެވި އެވެ.
ގަދަކަމުން މަސައްކަތް ކުރުވުމާއި ޖިންސީ ވިޔަފާރި ކުރުވުން އެއީ ހިއުމަންޓްރެފިކިން ތެރެއިން އެންމެ ބޮޑަށް ހިނގަމުންދާ ކުށްތައް ކަމަށާއި އެ އަމަލުތައް ބިދޭސީންނާ މެދު ރާއްޖޭގައި ހިންގަމުންދާ އިރު ރާއްޖެ އިން ބޭރުގައި ދިވެހިންނާ މެދު ވެސް އެގޮތައް ހިންގަމުންދާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.
"ގިނަ ފަހަށް މީގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި އޮންނާނީ އެ އަނިޔާ ލިބޭ ފަރާތްތަކަށް ވެސް މި ގާނޫނު (ހިއުމަންޓްރެފިކް ކުރުން ހުއްޓުވުމާއި ބެހޭ ގާނޫނު)ގައި ހިމާތްތެރިކަން ލިބިފައި އޮތްކަން އިހްސާސް ނުކުރެވުން އަދި ނޭނގުން. އޮޅުވާލައިގެން އެމީހުން ލައްވާ މަސައްކަތް ކުރުވަނީ. އޮޅުވާލައިގެން އެމީހުންގެ ހައްގުތައް ހިފައްޓަނީ. އޮޅުވާލައިގެން އެމީހަކަށް އިންސާނަކަށް ވީތީ ލިބިދޭން ޖެހޭ ހައްގުތަކަށް ހިފެހެއްޓިގެން ދަނީ،" އަނިލް ވިދާޅުވި އެވެ.
ބިދޭސީންގެ ހައްގުތަކާ ބެހޭ އދ.ގެ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް އިންޓްނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) ދަނީ ބާރު އަޅަމުންނެވެ.