17 Sep 2014, 13:19
ރާއްޖެ އަށް މިދުވަސްވަރު ކުރަމުން އަންނަ ވިއްސާރާގައި ގދ. ތިނަދު އަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ސަބަބުން އެ ރަށުގެ ސްކޫލްތަކުގެ ކިޔެވުން މިއަދު ބަންދުކޮށްފި އެވެ.

ގދ. ތިނަދޫއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވެފައި -- ފޮޓޯ ސަންގެ ކިޔުންތެރިއެއް
ކައުންސިލް އަހުމަދު ނަސީރު ވިދާޅުވީ އިއްޔެ އިން ފެށިގެން އެ ރަށަށް ވިއްސާރަ ކަމަށާއި ބޯކޮށް ވާރޭ ވެެހެން ފެށީ ރޭ ދަންވަރުން ކަމަށެވެ. އަދި މިއަދު ހެނދުނު ވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށުގެ މަގުތަކުގައި ފެން ބޮޑުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރަށުގެ ހުރިހާ ސްކޫލެއްގެ ކިޔެވުން ބަންދުކޮށްފައިވާ ކަމަށެވެ.
"ވިއްސާރައިގެ ސަަބަބުން ބައެއް ހިސާބުތަކުގައި ހިނގާ ބިނގާވެ ނޫޅެވޭ ވަރަށް ފެން ބޮޑުވެފައި އޮތީ، ރަށަށް ހިއްކި ސަރަހައްދާއި ރަށް ގުޅުނު ސަރަހައްދުގައި އެއް ފޫޓަށް ވުރެ ބޮޑަށް ފެން ހެދިފައި ވަނީ،" ނަސީރު ވިދާޅުވި އެވެ.

ގދ. ތިނަދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި -- ފޮޓޯ ސަންގެ ކިޔުންތެރިއެއް
އޭނާ ވިދާޅުވީ އެ ރަށަށް ކުރި ވިއްސާރައިގައި އެ ރަށުގެ ގޭގެއަށް ފެންވަދެ ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނަށާއި ގެތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

ގދ. ތިނަދޫއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން އެރަށު ބައެއް ގޭގެއަށް ވެސް ވަނީ ފެން ވަދެފައި -- ފޮޓޯ ސަންގެ ކިޔުންތެރިއެއް
"ބައެއް ގޭގޭގެ ނިދާކޮޓަރިއާ ހަމައަށް ފެންވަދެފައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި، ގޭގެ ގޯތިތެރޭގައި ވަނީ ފެން ބޮޑުވެފައި،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ތިނަދު އަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެ އާންމުންނަށާއި ދުއްވާ ތަކެއްޗަށް ދަތިތަކާ ކުރިމަތިވަމުން ދާތީ ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ފަށައިފަ އެވެ.

ގދ. ތިނަދޫއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ -- ފޮޓޯ ސަންގެ ކިޔުންތެރިއެއް
އެމްއެންޑީއެފުން ބުނީ އެރަށުގައި އެންމެ ބޮޑަށް ފެންބޮޑުވި ސަރަޙައްދު ކަމަށްވާ ތިނަދޫގެ މާފުށި ސަރަޙައްދުގައި ތިން ޕަމްޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ތިނަދޫ ފަޔާ ސްޓޭޝަނުން ކުރަމުން އަންނަ ކަމަށެވެ.