ސްވިޒަލެންޑްގެ ޖެނީވާގައި ހުންނަ ނައިޓެޑް ނޭޝަންސް ( ޔޫއެން) އަށް ރާއްޖޭން ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ އޮފީހުގައި ހުންނަވާ އިންސާނީ ހައްގުތަކާ ބެހޭ މަންދޫބު (ހިއުމަން ރައިޓްސް އެންވޯއީ)ގެ މަގާމަށް އިބްރާހިމް މޫސާ ލުތުފީ (ސަންދާނު ލުތުފީ) ސަރުކާރުން ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެމަގާމަށް ލުތުފީ ހަމަޖައްސާފައި ވަނީ މިނިސްޓަރުގެ ނައިބުންގެ ފެންވަރުގައި ކަމަށެވެ.

ލުތުފީއަކީ އެމްޑީޕީގެ ސިޔާސީ ހަރަކާތުގެ ފެށުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ، މަޝްހޫރު ސިޔާސީ ނޫސް "ސަންދާނު"ގެ ތިން މުއައްސަސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ރައީސް މުހައްމަދު ނަޝީދާ އެކު، އިސްލާހީ ހަރަކާތްތަކުގެ ބޮޑު ރޯލެއް އަދާކުރެއްވި ލުތުފީ، އެމްޑީޕީއާ ދުރަށް ޖެހިވަޑައިގަތީ، "ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން މުޅި ސިސްޓަމް ހިސޯރު ކުރައްވައި ބޭނުން ގޮތަކަށް ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް" ވިދާޅުވެ އެމްޑީޕީގެ ވެރިކަމުގައި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު އެވެ.

ރައީސް ނަޝީދުގެ ވެރިކަމަށް ފަހު، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، 25 ސެޕްޓެމްބަރު 2012ގައި ލުތުފީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒަރު ކަމުގެ މަގާމަށް ހަމަޖެސެވި އެވެ. އެހެން ނަމަވެސް، އޭގެ އަށް މަސް ފަހުން ލުތުފީ އެމަގާމުން ވަކިކުރެއްވީ އޮފީހަށް ނުކުމެވަޑައި ނުގަންނަވާތީ އެވެ.

ސަންދާނު ނޫސް ނެރުމާ ގުޅިގެން ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ލުތުފީގެ މައްޗަށް ދައުވާތަކެއް އުފުއްލަވައި ޖަލުގައި ބަންދު ކުރެއްވި އެވެ. އެއާ އެކު ފިއްލަވައިގެން، ރެފިއުޖީއެއްގެ ގޮތުގައި ސްވިޒަލެންޑްގެ ޖެނީވާ އަށް ވަޑައިގެން އޭނާ ދިރިއުޅުއްވަނީ އެރަށުގަ އެވެ. ލުތުފީގެ މައްޗަށް ކޮށްފައިވާ ހުކުމްތަކުގެ އަދަބުތައް މައާފް ކުރައްވައި، އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު ދެއްވީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނެވެ.