އެމްޑީޕީގެ ގައުމީ ހަރަކާތުގެ ދުވަހެއްގެ ގޮތުގައި "ރީނދޫ" ކުލައިގެ ދުވަހެއް ފާހަގަކުރުމަށް ހަޖަމައްސައިފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެންމެ 16 ދުވަހަށްވެފައިވާއިރު، އެކަހަލަ ހަރަކާތެއް ހިންގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"މި ހަރަކާތުގެ އެނެމް މުހިންމު އެއް ބޭނުމަކީ އެމްޑީޕީ ކެންޑިޑޭޓުންނާއެކު މުޅި ރާއްޖެވާކަން ދައްކާލުން،" ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެ ހަރަކާތާ ގުޅޭ ގޮތުން އެމްޑީޕީގެ ކެމްޕޭނު ތަރުޖަމާނު ޑރ. އަހްމަދު ޝަހީދު ވިދާޅުވެފައި ވެއެވެ.

އެ ހަރަކާތް ފެށުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުގައި މިރޭ އެމްޑީޕީގެ ޖަލްސާއެއް އޮންނާނެ ކަމަށާއި ހުރިހާ ދާއިރާއަކުން އެމްޑީޕީ ތަމްސީލުކުރާ ކެންޑިޑޭޓުން އެ ދާއިރާތަކުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

"މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގައި އެމްޑީޕީ ކެންޑިޑޭޓުން އާއްމުންނާ ބައްދަލުކުރުމުގެ ހަރަކާތްތައް ހިންގާނެ އެވެ. މި ހަރަކާތުގައި ޕޯސްޓަރު ހިއްޕުމާއި ފޮތްޗާއި ދިދަ ދެމުމާއި ރީނދޫ ކުލަލުން ކަހަލަ އިތުރު ކަންތައްތައް ވެސް ގެންދެވޭނެ އެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ލޮރީ ބުރާއި އަދި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ،" އެ ނޫސް ބަޔާނުގައި ވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްސަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ ފެބުރުއަރީ މަހުގެ ފަސް ވަނަ ދުވަހުއެވެ.
----------------------------
ކުށެއްގެ އިސްލާ: މި ޚަބަރުގައި ކުރިން މިއަދު ހެނދުނު ޖަލްސާތައް ބާއްވާނެ ކަމަށް ލިޔެވިފައި ވަނީ އޮޅުމަކުންނެވެ. ޖަލްސާތައް އޮންނަނީ މިރޭގަ އެވެ. ވީމާ ކިޔުންތެރިންގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދެމެވެ.