ދިވެހި ސަރުކާރުން ޖީއެމްއާރަށް ބަދަލު ނުދީ ޗައިނާގެ ކުންފުންޏަކާ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުރުމުން ހައިރާންވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އިންޑިއާގެ އިކޮމިކް ޓައިމްސް (އީޓީ) އިން ބުނީ ބަދަލުނުދީ ޗައިނާ ކުންފުންޏަކަށް އެއާޕޯޓްގެ ކޮންޓްރެކްޓް ހަވާލުކުރުމުން ހައިރާންވާ ކަމަށް ޖީއެމްއާރުން ވާހަކަ ދެއްކި ބަޔަކު ބުނި ކަމަށެވެ. ނަމަވެސް ވާހަކަ ދެއްކި ބައެއްގެ ނަމެއް ނޫހުން ހާމަކޮށްފައެއް ނުވެ އެވެ.

އެހަބަރަށް އިންޓަވިއު ދެއްވި އިންޑިއާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވެފައި ވަނީ ޗައިނާގެ ކުންފުންޏަކާ ދިވެހި ސަރުކާރުން ހަވާލުކޮށްފައި ވަނީ އެއާޕޯޓް ހިންގަން ނޫން ކަމަށާއި އެއާޕޯޓް އަޕްގްރޭޑް ކުރަން ކަމަށެވެ. ނަމަވެސް އެއޮފިޝަލުންގެ ނަން ވެސް އީޓީން ހާމަކޮށްފައެއް ނުވެ އެވެ.

އިބުރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ސަރުކާރުން ހަވާލުކުރީ ޗައިނާގެ ރައީސް ޒީޖިންޕިން ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.

އެއާޕޯޓްގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކުރުމުން އިންޑިއާގެ ނޫސްތަކުން އަންނަނީ އެކަމާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދައްކަމުންނެވެ. އެގޮތުން އީޓީގައި މިއަދު ލިޔެފައިވާ ހަބަރުގައި ވެސް ބުނެފައި ވަނީ އިންޑިއާގެ ކައިރި ސަރަހައްދުގައި ސްޓްރެޓެޖިކް ގޮތުން އެގައުމަށް ލިބުނު ނާކާމިޔާބެއް ކަމަށް ދެކެވޭ ފަދަ ގޮތަކަށް ، އެއާޕޯޓް އަޕްގްރޭޑްކުރުން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ.