ފްރީ ޓްރޭޑް އެގްރިމެންޓެއް ގާއިމްކުރުމާ މެދު މަޝްވަރާކުރުމަށް އެއްބަސްވެ، ގުޅުން ބަދަހި ކުރުމުގެ އިތުރު 26 އެއްބަސްވުމެއްގައި ޗައިނާ އާއި ސްރީލަންކާއާ ދެމެދު ސޮއިކޮށްފި އެވެ.

ސްރީ ލަންކާ އާއި ޗައިނާއާ ދެމެދު މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައި މިވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދެކުނު އޭޝިއާ އަށް ކުރައްވާ ދަތުރުފުޅެއްގައި އިއްޔެ ސްރީލަންކާ އަށް ވަޑައިގަތުމަށް ފަހު އެވެ.

ޗައިނާއާ ސްރީލަންކާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާ އިރު، އޭގެ ތެރޭގައި ތައުލީމާއި ޓްރޭޑް އަދި ކޮމާސްއާއި ހަކަތައާއި އެގްރިކަލްޗާ އާއި ސަގާފީ ރޮނގުތަކުން ވަނީ ދެ ގައުމުގެ ދެމެދު ސޮއިކޮށްފަ އެވެ.

މީގެ އިތުރުން، ސްރީ ލަންކާ އިން ވަނީ ޗައިނާ އިން ގާއިމުކުރާ، 21 ވަނަ ގަރުނުގެ ކަނޑުގެ ސިލްކް ރޯޑް ބިނާކުރުމުގެ މަޝްރޫއުގައި ބައިވެރިވުމަށް ވެސް ނިންމައިފަ އެވެ.

ޗައިނާގެ ރައީސް ޝީ ސްރީ ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި އޮތް އެކުވެރިކަން ވަރުގަދަ ކުރުމާއި ދެގައުމުގެ މެދުގައި އޮތް ސިޔާސީ، އިގްތިސާދީ އަދި ސަގާފީ ގުޅުން އިތުރަށް ވަރުގަދަ ކުރެވިދާނެ ގޮތްތަކުގެ މައްޗަށް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

އެގޮތުން، ދެ ގައުމުގެ މެދުގައި ބާއްވާ އެއްބަސްވުމަކީ ތެދުވެރި އަދި އެކުވެރި ގުޅުމަކަށް ވާން ބޭނުންވާ ކަމަށާއި އެ ގުޅުމަކީ ދެ ގައުމަށް ހަމަހަމަ އަށް ފައިދާ ކުރާނޭ ގުޅުމަކަށްވާނެ ކަމަށް ވެސް ޗައިނާގެ ރައީސް ޝީ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، ސްރީ ލަންކާއިން އިގްތިސާދު ރަނގަޅު ކުރުމަށް އިންވެސްޓްމެންޓާއި ގައުމުގައި އުފެއްދުންތެރިކަން އިތުރު ކުރުމަށް ގެންގުޅޭ ހިޔާލަށް ޗައިނާގެ ރައީސް ވަނީ ތާއީދު ކުރައްވައިފަ އެވެ. އަދި އެފަދަ ރަނގަޅު ހިޔާލަކާ އެކު ޗައިނާ އިން ސްރީލަންކާއާ އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި ދެގައުމަށް ބޭނުންވާ ކުރިއެރުން ހެޔޮގޮތެއްގައި ގެނެވޭނެ ކަމަށް ވެސް ޝީ ވިދާޅުވި އެވެ.

އެ ބައްދަލުކުރެއްވުމުގައި ސްރީލަންކާ އިން ވަނީ އޭޝިއަން އިންވެސްޓަމްންޓް ބޭންކުގައި ބައިވެރިވުމަށް ބޭނުންވާ ކަމަށް ހާމަކޮށްފަ އެވެ.

ސްރީލަންކާގެ ރައީސް ރާޖްޕަކްސަ ވިދާޅުވީ، ސްރީލަންކާގެ ހަމްބަންޓޯޓާ ޕޯޓް ޕްރޮޖެކްޓާއި ކޮލޮމްބޯ ޕޯޓް ސިޓީ ޕްރޮޖެކްޓް ފަދަ ކޯޕަރޭޓިވް ޕްރޮޖެކްޓްތަކުގައި ޗައިނާއާ ގުޅިގެން މަސައްކަތް ކުރުމަށް އެގައުމުން ތައްޔާރަށް އޮތް ކަމަށެވެ. އަދި ފްރީ ޓްރޭޑް އެގްރީމެންޓްގެ އެއްބަސްވުން ގާއިމްކުރުމާ މެދު މަޝްވަރާކުރުން އަވަސްކޮށް، ހަކަތަ އާއި އިގްތިސާދީ އެގްރިކަލްޗާ އަދި ސިއްހީ ރޮނގުން އިތުރަށް ގުޅުން ބަދަހިކުރުމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޗައިނާގެ ރައީސް ޒީ ސްރީ ލަންކާ އަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި، ސްރީލަންކާގައި އަޅާ، ޕަވާ ޕްލާންޓެއްގެ މަސައްކަތް ވަނީ ފައްޓަވައިދެއްވާފަ އެވެ. އެ ޕަވާ ޕްލާންޓް އިމާރާތްކުރުމަށް ހަމަޖެހިފައި ވަނީ ޝައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަނުންނެވެ.

މީގެ އިތުރުން، 500 އޭކަރުގެ ބިން ހިއްކައިގެން ހަދަން ނިންމާފައިވާ ކޮލޮމްބޯ ޕޯޓް ސިޓީ ޕްރޮޖެކްޓްގެ މަސައްކަތް ދެގައުމުގެ ރައީސުން ވަނީ އިފްތިތާހް ކޮށްދެއްވާފަ އެވެ. ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ އިން އިމާރާކޮށްދޭ އެ ޕްރޮޖެކްޓަށް 1.5 ބިލިއަން ޑޮލަރު ހަރަދުވެ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދެކުނު އޭޝިއާ އަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އިންޑިއާ އަށެވެ.