17 Sep 2014, 12:24
ގޯޅިގަނޑެއްތެރޭ ކުޅެން ހުރި ކުޑަ އަންހެން ކުއްޖެއްގެ ކަރުގައި އޮތް ރަންފަށެއް ފޭރުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އުމުރުން ހަ އަހަރުގެ ކުޑަކުއްޖާގެ ކަރުގައި އޮތް ރަންފަށް ފޭރިގަނެފައި ވަނީ މ. އިރާކުވިލާގޭގެ ގޯޅި ތެރޭގައި ކުޅެން ހުއްޓައި ކަމަށެވެ. އަދި ފޭރިގަތް ފަށަކީ ގާތްގަނޑަކަށް 400 ޑޮލަރުގެ އަގުހުރި ފަށެއް ކަމަށް ވެސް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލައާ ގުޅިގެން އިއްޔެ މެންދުރު ހައްޔަރުކޮށްފައި ވަނީ އުމުރުން 31 އަހަރުގެ އަންހެނަކާއި އުމުރުން 28 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ ދެ މީހުންގެ ތެރެއިން އަންހެން މީހާއަކީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ. އަދި ފިރިހެން މީހާއަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެދެ މީހުން ހައްޔަރުކޮށްފައި ވަނީ ޝަހީދު ޢަލީ ހިނގުމުން ވިޔަފާރަވެރިންގެ މިސްކިތް ކައިރިން ކަމަށެވެ.