ސިޔާސީ ބަޔަކާ ގުޅިގެން މުޒާހަރާކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމަށްބުނެ ސީއެންއެމްގެ ނޫސްވެރިޔާ އަބްދުﷲ ހަސީންގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.

ސަން އަށް މައުލޫމާތު ދެމުން ހަސީން ބުނީ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައިވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު އޭނާ އަށް އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑުގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލާފައިވާ ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައިވާ ކަމަށް ކްރިމިނަލް ކޯޓުން އަޅުގަނޑަށް ފޯނުކޮށް މިއަދު ވަނީ އަންގާފައި،" ހަސީން ބުންޏެވެ.

ހަސީން ބުނީ ދައުވާ އަނބުރާ ގެންދިޔަ ސަބަބެއް ކޯޓުން އަންގާފައި ނުވާކަމަށާއި އަދި އެކަމާ ބެހޭ ލިޔުމެއް ވެސް ކޯޓުން ދީފައިނުވާ ކަމަށެވެ. ހަމައެކަނި ކޯޓުން އޭނާއަށް ދީފައިވާ ލިޔުމަކީ މިމަހުގެ 28 ވަނަ ދުވަހު ޝަރީއަތަށް ހާޒިރުވުމުގެ އަމުރެއް ކަމަށާއި އެ އަމުރު ބާތިލްކުރިކަން ލިޔުމުން ނާންގާހާ ހިނދަކު އެއަށް އަމަލު ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑަށް ލިޔުމުން އަންގާފައެއް ނެތް ދައުވާ އަނބުރާ ގެންދިޔަ ކަމެއް. އަޅުގަނޑަށް ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތަށް ހާޒިރުވިމުގެ އަމުރެއް ހަވާލުކޮށްފައި. އެ އަމުރު ބާތިލްކުރިކަން ލިޔުމުން އޅުގަނޑަށް އަންގާފައެއް ނެތް. އެހެންވީމަ ކޯޓުން ނެރެފައިވާ އަމުރަށް ތަބާވުމުގެ ގޮތުން އެ އަމުރުގައު ބަޔާންކޮށްފައުވާ ގޮތުގެމަތިން އަޅުގަނޑު އަމަލު ކުރާނަން،" ހަސީން ބުންޏެވެ.

ހަސީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރާއި ލ. މާވަށް، ގުލްފާމުގޭ އަބްދުﷲ އިދުރީސްއާ ބައިވެރިވެގެން ފުލުހުންގެ ދައިރު އަދާކުރުމަށް ހުރަސްއެޅި ކަމަށް ބުނެ އެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެ ތިން މީހުން އޯކިޑުމަގާއި ޗާންދަނީމަގާ ގުޅޭ ހަތަރު އަނގޮޅި ކަންމައްޗަށް އެއްވެ މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައިވާ ބެރިކޭޑުތައް ކޮށްޕައި، ބެރިކޭޑުތަކުގެ ކުރިއަށް އަރައި ހަޑިހުތުރު ބަހުން ފުލުހުންނާ މުއާމަލާތްކޮށް ފުލުހުންގެ ދައިރު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށެވެ.

ހަސީން ބުނީ އޭނާ މުޒާހަރާތަކަށް ގޮސްފައި ވަނީ ނޫސްވެރިއަކަށްވާތީ އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް ކަމަށެވެ.