ކ. ތުލުސްދޫ ބިޖިލީއުފާ އަލީ ޝިހާމް މަރާލި ކަމުގެ ކުށް އެރަށު ރެޑްރޯސް މުހައްމަދު ނިޔާޒުގެ މައްޗަށް ސާބިތުވެއްޖެނަމަ ބޭނުންވަނީ މަރަށް މަރު ކަމަށް ޝިހާމްގެ ހުރިހާ ވާރިސުން ވެސް ބުނެފި އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ ޝިހާމްގެ ވާރިސުންގެ ގޮތުގައި މިވަގުތު ދުނިޔޭގައި ތިބީ އޭނާގެ އަންހެނުންނާއި ދެ ދަރިންގެ އިތުރުން މާމަ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހަށް އޭނާގެ މާމަ ހާޒިރުކޮށް ވަނީ ވާރިސުންގެ ބަޔާން ނަގާފަ އެވެ. އެ ބަޔާން ނަގާފައި ވަނީ ގަސްދުގައި މީހަކު މަރައިފި މީހަކަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އަދަބުތައް ރަނގަޅަށް އޮޅުންފިލުވައިދިނުމަށްފަހު އެވެ. އެގޮތުން މަރަށް މަރު ހިފުމުގެ ބަދަލުގައި މަރުގެ ދިޔައަށް އެދެވިދާނެ ކަމާއި އަދި އެއިން އެއްވެސް ގޮތެއް އިޚްތިޔާރުނުކޮށް ގާތިލަށް މައާފް ދިނުމަކީ ވެސް އިސްލާމީ ޝަރީއަތުގައި ވާރިސުންނަށް ދީފައިވާ އިޚްތިޔާރެއްކަން ޝިހާމްގެ މާމައަށް ގާޒީ ވަނީ އޮޅުންފިލުވައިދީފަ އެވެ.

ޝިހާމްގެ މާމަ ބުނީ ނިޔާޒުގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ބޭނުން ވަނީ މަރަށްމަރު ކަމަށާއި އެގޮތަށް އޭނާ ބޭނުންވަނީ ޝިހާމްގެ ދެ ދަރިންނަށް ދީފާނެ ގެއްލުމަކަށް ބެލުމަށްފަހު ކަމަށެވެ.

ގާޒީ ވަނީ ތުލުސްދޫ ކޯޓު މެދުވެރިކޮށް ނަގާފައިވާ ޝިހާމްގެ އަންހެނުންގެ ބަޔާން ވެސް ޝަރީއަތަށް އިއްވާފަ އެވެ. އެގޮތުން އޭނާ ވެސް ބުނެފައި ނިޔާޒުގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ބޭނުންވަނީ މަރަށް މަރު ކަމަށެވެ.

ނިޔާޒު ކުށަށް އިއުތިރާފުވެފައިވާތީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނުނަގާގޮތަށް ގާޒީ ވަނީ މިއަދު ނިންމަވާފަ އެވެ.

ގާޒީ މިއަދު ވަނީ އެ މައްސަލައިގެ ހުރިހާ އަޑުއެހުންތައް ނިންމާލިކަން އިއުލާން ކުރައްވާފަ އެވެ. އަޑުއެހުންތައް ނިންމާލުމުގެ ކުރިން ޚުލާސާ ގޮތެއްގައި ވާހަކަދައްކަން ފުރުސަތު އެރުވުމުން ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވީ އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށާއި ނިޔާޒުގެ އިއުތިރާފުގެ މައްޗަށް ބިނާކޮށް ވީއެންމެ އަވަހަކަށް މައްސަލަ ނިންމައި ދިނުމަށް އެދޭ ކަމަށެވެ.

"އިތުރަށް ދައްކާނެ ވާހަކައެއް ނެތް. އިއުތިރާފުގެ މައްޗަށް ބިނާކޮށް ވީއެންމެ އަވަހަކަށް މައްސަލަ ނިންމަވައިދިނުމަށް އެދެން،" ޕީޖީ މުހުތާޒު ވިދާޅުވި އެވެ.

ޚުލާސާގޮތެއްގައި ވާހަކަދައްކަން ފުރުސަތު އެރުވުމުން ނިޔާޒު ބުނީ ބުނާނެ އެއްވެސް އެއްޗެއް ނެތް ކަމަށެވެ.

"ނެތް ބުނާނެ އެއްވެސް އެއްޗެއް،" ނިޔާޒު ބުންޏެވެ.

މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް އިއުތިރާފުވަމުން ނިޔާޒު ބުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ޝިހާމް އޭނާ ދިރިއުޅޭ ގެއާދިމާލު އަތިރިމަތީގައި ހުރި ޖޯއްޔެއްގައި އޮއްވައި ދެ ފަހަރެއްގެ މަތިން ބައިސްކަލުގައި އޭނާ އެތަނަށް ދިޔަ ކަމަށެވެ. އެގޮތުން ފުރަތަމަ 6:45 ގައި އެތަނަށް ދިޔުމަށްފަހު އެނބުރި ގޮސް ދެވަނަ ފަހަރަށް 7:00 ގައި ގޮސް ވަޅިން ޝިހާމަށް ހަމަލާދިން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.+

އޭނާ ބުނީ ޝިހާމްގެ މެޔަށް ވަޅި ހެރީ މަރާލުމުގެ ގަސްދު އޮވެގެން ނޫން ކަމަށާއި އެއީ އޭނައަށް ހަމަލާދިނުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށެވެ. އަދި ހަމަލާދިނުމަށްފަހު އަވަސް އަވަހަށް އެތަނުން ދިޔަ ކަމަށް ވެސް ނިޔާޒު ބުންޏެވެ.

ޝިހާމަށް ވަޅިން ހަމަލާދީފައި ވަނީ އޭނައާ މެދު އޮތް ނަފްރަތެއްގެ ސަބަބުން ކަމަށް ނިޔާޒު ވަނީ ބުނެފަ އެވެ.