17 Sep 2014, 11:30
ޗެމްޕިއަންސް ލީގުގައި ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު، އިނގިރޭސިވިލާތުގެ ލިވަޕޫލް ކުޅުނު ފުރަތަމަ މެޗުން ބަލްގޭރިއާގެ ލުޑޯގޮރެޓްސްއާ ދެކޮޅަށް ނުކުމެ 2-1 ލަނޑުން މޮޅުވެއްޖެ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން ލިވަޕޫލް މޮޅުކޮށްދިނީ މެޗުގެ ފަހު ވަގުތުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ސްޓީވަން ޖެރާޑް އެވެ.
ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ލިވަޕޫލް ވާދަކޮށްފައި ވަނީ 2009 ވަނަ އަހަރުއެވެ. އެފަހަރުގެ ސީޒަންއެ ކްލަބުން ނިންމާފައިވަނީ ދެވަނަ ހޯދައިގެންނެވެ.
އެންފީލްޑްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައި ނުވި ނަމަވެސް ލިވަޕޫލަށް ވަނީ ގޯލު ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުކޮށްލާފައެވެ. މެޗު ފެށިގެން 38 ވަނަ މިނެޓުގައި މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ތަނަވަސްކޮށްދިން ހުސް ފުރުސަތެއް، އެޑަމް ލައްލަނާ ލުޑޯގޮރެޓްސްގެ ގޯލަށް އަމާޒުކުރި ނަމަވެސް އެޓީމުގެ ގޯލް ކީޕަރުވަނީ އެހަމަލާ ބްލޮކް ކޮށްފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ ފަހު ހާފު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށެވެ. ލިވަޕޫލަށް ލުޑޯގޮރެޓްސްގެ ގޯލް ހުޅުވާލަދިނީ އިޓަލީގެ މިލާނުން އެޓީމަށް އަލަށް ގުޅުނު ހުނަރުވެރި ފޯވާޑް މާރިއޯ ބަލޮޓެލީ އެވެ. މިއީ ބަލޮޓެލީ އެޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
އެއް ލަނޑުގެ ލީޑަކާއެކު ބްރެންޑަން ރޯޖާސްގެ ޓީމަށް ހިތްހަމަ ޖެހިލައިގެން މާގިނައިރަކު ތިބެވޭ ގޮތެއް ނުވިއެވެ. މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓްގައި ލަނޑެއް ކާމިޔާބުކޮށް ލުޑޯގޮރެޓްސްއިން ލިވަޕޫލް ޕްރެޝަރަށް ދުއްވާލިއެވެ. ލުޑޮގޮރެޓްސްގެ މިޑްފީލްޑަރު ޑެނީ އަބަލޯ ޖެހި ގޯލާއެކު ލިވަޕޫލުގެ ހާސްކަން އިތުރު ކުރި ނަމަވެސް އެޓީމުން ހިތްވަރު ދުލެއް ނުކުރެއެވެ. ނަތީޖާއެއްގެ ގޮތުން އިތުރު ވަގުތުގެ ފުރަތަމަ މިނިޓް ތެރޭގައި ލިބުނު ޕެނަލްޓީއަކުން މިޑްފީލްޑަރު ސްޓީވެން ޖެރާޑް ޖެހި ގޯލާއެކު ލިވަޕޫލް ފަސް އަހަރަށް ފަހު ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ވެފައެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ލިވަޕޫލް ދެން ކުޅޭ މެޗުގައި އަންނަ މަހު ދޭއްގައި ނުކުންނާނީ އެފްސީ ބަސެލްއާ ދެކޮޅަށެވެ.