ގެއްލިގެން ހޯދަމުން އަންނަ އަހުމަދު ރިޟުވާން އަބުދުﷲގެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ރިޟުވާން ގެއްލުނު މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރޭ ހަބަރު ފަތުރާފައިވީ ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

ފުލުހުން މިހާތަނަށް ވަނީ އެ މައްސަލައާ ގުޅިގެން ހަތަރު މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފަ އެވެ. އަދި އެކަމާ ގުޅިގެން މީހުންނާ ސުވާލު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރިޟުވާނަށް ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން އަންނަތާ މިއަދަށް 40 ދުވަސްވީ އިރު އޭނާގެ ތަހުގީގާ ބެހޭ މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ބުނެ، އާއިލާ އިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފުލުހުން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނެފައި މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 12:00ގެ ފަހުން މާލެއިން ހުޅުމާލެ އަށް ދަތުރުކުރި ފެރީއަކުން ރިޟުވާން ފެނި އޭނައާ ވާހަކަ ދެއްކި ކަމަށް އަމިއްލަ ފަރާތަކުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ. ނަމަވެސް ރިޟުވާން ހުޅުމާލެ އިން އެއްވެސް މީހަކަށް ފެނި އެއްވެސް މީހަކާ މުއާމަލާތް ކުރިކަން ކަށަވަރުކުރެވިފައި ނުވާ ކަމަށެވެ. އަދި ރިޟުވާން ގެއްލުނު ރޭ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފްލެޓު ކައިރިން ރަތްކާރަކަށް މީހަކު އެރުވި ހާދިސާ އާއި އޭނާ ގެއްލުނު ހާދިސާއާ ގުޅުން ހުރި ކަމުގެ ސާބިތުހެއްކެއް މިހާތަނަށް ތަހުގީގަށް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.