ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ ކަމުގެ މަގާމަށް މަހުމޫދު ސަލީމް އައްޔަން ކުރައްވައިފި އެވެ.

އޭނާ އެ މަގާމަށް ހަމަޖައްސަވާފައި ވަނީ ޕީޖީ އޮފީގުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އެވެ.

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ހަމަޖެއްސެވި ސަލީމް އަކީ އެ އޮފީހުގައި މިވަގުތު ތިއްބެވި ވަކީލުންގެ ތެރެއިން އެ އޮފީހަށް ހަ އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސަލީމް ކުރިން ހުންނެވީ ޕީޖީ އޮފީހުގެ ޕްރޮސެކިއުޝަން ޑިޕާޓްމަންޓްގެ ހެޑްގެ މަގާމުގަ އެވެ.

ނިއުޒިލޭންޑުން ގާނޫނީ ދާއިރާ އިން މާސްޓާޒް ހައްދަވާފައިވާ ސަލީމް ގާނޫނީ ދާއިރާގައި ހިދުމަތް ކުރައްވާތާ މިހާރު އަށް އަހަރު ވަނީ ވެފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވުމަށް ޓަކައި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލަކު އައްޔަން ކުރަންޖެހޭނެ ކަމަށާއި އެ މަގާމަށް މިހަކު އައްޔަން ކުރާނީ ޕްރޮސެކިއުޓާ ޖެނެރަލް ކަމުގައި ގާނޫނުގައި ބުނެފައިވެ އެވެ.