17 Sep 2014, 11:04
ޔޫރަޕްގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި 2-0 ނަތީޖާއަކުން މޮޅުވެ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން އިނގިރޭސިވިލާތުގެ އާސެނަލް މާޔޫސްކޮށްލައިފި އެވެ.
ޑޯޓްމަންޑޫގެ އަމިއްލަ ދަނޑުގައި އެޓީމުގެ އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މެޗުގައި އާސެނަލްގެ ކުޅުންތެރިންނަށް ރަނގަޅަށް ބޯޅަ ހިފަހައްޓާލައިގެން ކުޅެލެވޭވަރު ނުވިއިރު ޑޯޓްމައުންޑުން ވަނީ ދެހާފުގައިވެސް އާސެންލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ.
ރެފްރީ އޮލެގާރިއޯ ބެންކުއަރެންސާ މެޗް ނިންމާލަން ކަށިގަނޑު ފުމެލުމުގެ ކުރިން ޑޯޓްމަންޑުން ވަނީ އާސެނަލްގެ ގޯލަށް އަމާޒުކޮށް ޖުމްލަ 22 ހަމަލާއެއް ފޮނުވާލާފައެވެ. ރޭގެ މެޗުގައި އާސެނަލްގެ ކީޕަރު ވޮޖެނިއެކް ޝެޒްނީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ.
ޑޯޓްމަންޑްގެ ފުރަތަމަ ގޯލް ކާމިޔާބުރީ މެޗުގެ 38 ވަނަ މިނިޓުގައި އެޓީމުގެ އިޓަލީ ފޯވަޑް އިމޯބިލޭ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލްގެ ޑެނީ ވެލްބެކްއަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ވެލްބެކް ފޮނުވާލި މި ހަމަލާ ގޯލަށް އަމާޒު ނުވެ ދަނޑި ކައިރިން ދިޔައީ ބޭރަށެވެ.
ދެވަނަ ހާފު ފަށައިގެން މާގިނައިރެއްނުވެ ޑޯޓްމަންޑުން ވަނީ ލީޑް ފުޅާކޮށް އާސެނަލްގެ ސަޕޯޓަރުން ހިތްދަތިކޮށްފައެވެ. 48 ވަނަ މިނިޓުގައި މި ގޯލް ކާމިޔާބު ކޮށްދިނީ ފޯވަޑް އައުބެމަޔަންގް އެވެ.
ދެވަނަ ހާފުގައިވެސް އާސެނަލްގެ ވެލްބެކް އަށާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލޫކަސް ޕޮޑޮލްސްކީ އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ބޭކާރު ވެފައެވެ.
މިއީ 11 އަހަރު ތެރޭގައި ވެންގާގެ ދަށުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ.
މި ގްރޫޕްގައި ދެންކުޅުނު މެޗުގައި ތުރުކީގެ ގަލަސަޓަރާއި އާއި ގްރީސްގެ ކްލަބް އަންދްރަޗްލެޓްގެ ބައްދަލުކުރި މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.
ގްރޫޕް ސްޓޭޖް ގެ ދެވަނަ މެޗުގައި އެމިރޭޓްސް ސްޓޭޑިއަމްގައި ގަލަތަސާއި އާ ދެކޮޅަށް އާސެނަލް ނުކުންނަ އިރު ޑޯޓްމަންޑް ބައްދަލުކުރާނީ ގްރީސްގެ ކްލަބާއެވެ.