ހައިކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން އެކޯޓުގެ ފަނޑިޔާރު ކަމަށް ފަސް ބޭފުޅަކު ކަނޑައަޅުއްވައިފި އެވެ.
އެންމެ މަތީން މާކްސް ލިބިވަޑައިގެންނެވި ތަރުތީބުން ވޯޓަށް އަހައިގެން މިރޭ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވެވި ފަސް ބޭފުޅުންނަކީ އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އާއި ޑރ. އަޒްމިރާލްދާ ޒާހިރު އާއި އަލްއުސްތާޛު ޢަބްދުއްރަޢޫފު އިބްރާހީމް އާއި އަލްއުސްތާޛު ޢައްބާސް ޝަރީފް އަލްއުސްތާޛު ޢަލީ ސަމީރު އެވެ.
މި ފަސް ބޭފުޅުންގެ ތެރެއިން ޑރ. އަޒްމިރާލްދާ ޒާހިރު ފިޔަވައި ދެންތިއްބެވި 04 ބޭފުޅުން ހައިކޯޓުގެ ބެންޗަށް ހޮއްވަވާފައިވަނީ ކޮމިޝަންގެ ޖަލްސާގެ އިއްތިފާޤުންނެވެ. ޑރ. އަޒްމިރާލްދާ ޒާހިރު ހޮވިވަޑައިގެންނެވީ ކޮމިޝަންގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ނުވަ މެމްބަރުންގެތެރެއިން އަށް މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޑރ. އަޒްމިރާލްދާ ޒާހިރަށް ވޯޓް ނުދެއްވީ ކޮމިޝަންގެ މެމްބަރު އައްޝައިޙް ޝުޢައިބް ޢަބްދުއްރަޙްމާނެވެ. ކޮމިޝަންގެ މެމްބަރު އައްޝައިޙް ޝުޢައިބް ޢަބްދުއްރަޙްމާން ވޯޓް ނުދެއްވި ސަބަބެއް ކަމަށް ވިދާޅުވީ، އިސްލާމީ މަޒުހަބުތަކުގެ ތެރެއިން ސުންނަތް ޖަމާޢަތުގެ ހަތަރު މަޒުހަބުންކުރެ އެއްވެސް މަޒުހަބަކުން އަންހެނުން ހުރިހާ ބާވަތެއްގެ މައްސަލަ ތަކެއްގައި ޤާޒީކަން ކުރުމަކީ ހުއްދަކަމެއް ކަމުގައި ނުދެކޭތީ ކަމަށް ވިދާޅުވެ އެވެ

ހައިކޯޓް ފަނޑިޔާރުކަމަށް ބޭފުޅުން ކަނޑައެޅުއްވުމުގައި ކޮމިޝަނުން ފާސްކުރައްވާފައިވާ އުސޫލުގެ ހަވަނަ ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅުންނަށް ވޯޓު ދެއްވުމުގައި އެއްވެސް ބޭފުޅަކު ވޯޓު ނުދެއްވާނަމަ، ވޯޓު ނުދެއްވި ސަބަބު ބަޔާންކުރަން ވާނެ ކަމަށެވެ.
ޖޭއެސްސީގެ މެންބަރުންގެ ތެރެއިން މި ޖަލްސާގައި ބައިވެރިވެ ވަޑައިގަތީ އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ޑޮކްޓަރ އަފްރާޝީމް ޢަލީ އާއި އަލްފާޟިލް ޢަބްދުﷲ ޝާހިދު އާއި އަލްއުސްތާޛު ޢަބުދުލްޣަނީ މުހަންމަދު އާއި އަލްފާޟިލް ޢަބްދުﷲ ދީދީ އާއި އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން އާއި އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން އާއި ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު އަދި އަލްއުސްތާޛު އަޙްމަދު ރަޝީދެވެ. ކޮމިޝަންގެ މެމްބަރު އޢާއިޝަތު ވެލެޒިނީ ބައިވެވަޑައެއް ނުގަންނަވަ އެވެ.

(ތަފުސީލު އަންނަނި)