17 Sep 2014, 11:02
ސިއްހީ ޙިދުމަތްތައް ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ދެ ރަށެއްގެ ހެލްތު ސެންޓަރު މަރާމާތުކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މަރާމާތު ކުރަން ހަވާލުކޮށްފައި ވަނީ ރ. އިންނަމާދޫ ހެލްތު ސެންޓަރާއި ސ. ހުޅުމީދޫ ހެލްތު ސެންޓަރެވެ. އެ ދެ މަރުކަރު މަރަމާތުކުރަން ބަޔަކާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެވެ.
އެގޮތުން ރ. އިންނަމާދޫ ހެލްތު ސެންޓަރު މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މެރިން ޑިޒައިން މޯލްޑިވްސް އަށެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 52 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 888،675 ރުފިޔާގެ އަގަކަށެވެ. އެ ކުންފުންޏަށް ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ކަރަންޓް ވައިރިން ބަދަލުކުރުމާއި ފާޚާނާތައް މަރާމާތުކުރުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.
ސ. ހުޅުމީދޫ ހެލްތު ސެންޓަރު މަރާމާތު ކުރަން ހަވާލުކޮށްފައި ވަނީ ޔުމަން ކޮންސްޓްރަކްޝަންސް އަށެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 47 ދުވަސްތެރޭގައި ނިންމާ ގޮތަށް 524،949 ރުފިޔާގެ އަގަކަށެވެ. އެ ކުންފުންޏަށް ހަވާލުވެފައިވާ މަސައްކަތްތަކުގެ ތެރޭގައި އެއާކޮންޑިޝަންތައް ބަދަލުކުރުމާއި ފެންވައިރު ކުރުމާއި ތަށިމުށި ޖެހުން ފަދަ މަސައްކަތްތަކެއް ހިމެނެ އެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ ދިވެހިރާއްޖޭގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން މިހާތަނަށް ތިން ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ވެސް ޑޮކްޓަރުން ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.