ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަންސް، ސްޕެއިންގެ ރެއާލް މެޑްރިޑުން ސްވިޓްޒަލޭންޑްގެ ޗެމްޕިއަން އެފްސީ ބާސެލްގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިފި އެވެ.

ރޭ ސްޕެއިންގެ ސެންޓިއާގެ ބެރްނަބެއޫގައި ކުޅުނު މެޗުގައި ބާސެލްގެ މައްޗަށް ރެއާލުން ކުރި ހޯދީ 5-1 ލަނޑުގެ ނަތީޖާއަކުންނެވެ. ރެއާލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުން ޖެހި ފުރަތަމަ ގޯލަކީ ބާސެލްގެ މަރެކް ސޫޗީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޑްރިޑުގެ ދެވަނަ ގޯލް ފުރަތަމަ ހާފު ފަށައިގެން 30 ވަނަ މިނިޓުގައި ލޫކާ މޮޑްރިޗް ދިން ޕާހަކުން ޖަހައިދިނީ ގެރެތު ބޭލް އެވެ.

ބޭލް ލަނޑު ޖެހިތާ މިނިޓެއްހާ އިރު ފަހުން ރެއާލްއަށް މެޗުގެ 3 ވަނަ ގޯލް ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ބޭލްގެ އެސިސްޓަކާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ރޮނާލްޑޯ ޖެހި މިގޯލާއެކު މި މުބާރާތުގައި ރޮނާލްޑޯ ޖެހި ގޯލްގެ އަދަދު ވަނީ 69 އަކަށް އަރާފައެވެ.

ފުރަތަމަ ހާފު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް ރެއާލަށް މެޗުގެ ނަތީޖާ ފުޅާކޮށްދިނީ ކޮލްމަބިއަން މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭޒް އެވެ. މިއީ ޖޭމްސް ރެއާލްއާ ގުޅުނު ފަހުން ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ރޭގެ މެޗުގައި ޖޭމްސް ގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

ރެއާލުން މެޗުގައި ޖެހި ފަސްވަނަ ގޯލް 79 ވަނަ މިނުޓުގައި ރޮނާލްޑޯގެ އެސިސްޓަކާއެކު ކާމިޔާބުކޮށްދިނީ ކަރިމް ބެންޒީމާއެވެ. ދެވަނަ ހާފުގައިވެސް ރެއާލުން ވަނީ ބާސެލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވުމަށްފަހު އަމިއްލަ ދަނޑުގައި ރޭ ތަފާތު ބޮޑު ނަތީޖާއަކުން މޮޅު ވުމުން ރެއާލްގެ ސަޕޯޓަރުންގެ އިތުރުން ކޯޗު ކާލޮސް އެންޗެލޯޓީވެސް ހުރީ ހިތްހަމަޖެހިފައެވެ.

" ޓީމުގެ ފަރާތުން ފެނުނު ރިއެކްޝަން ވަރަށް ރަނގަޅު. ފުރަތަމަ ހާފުގައި އަހަރުމެން ވަނީ ރަނގަޅަށް ޕްރެސް ކޮށް ގިނަ ހަމަލާތަކެއް އުފައްދާފައި. އަދި ހުރިހާ ކަމަކަށް ހައްލެއް ނުލިބުނަސް ޓީމުގެ ފަރާތުން ފެނުނު ރިއެކްޝާނާމެދު ހިތްހަމަޖެހޭ" މެޗައްފަހު ވާހަކަ ދައްކަމުން އެންޗެލޯޓީ ބުންޏެވެ.

ރޭގެ މެޗުގައި ޕޯޗުގީޒް ވިންގާ ރޮނާލްޑޯ ރެއާލްއަށް ކާމިޔާބު ކޮށްދިން ގޯލާއެކު މުބާރާތުގައި ރޮނާލްޑޮގެ ގޯލްޓެލީ ވަނީ 69 އަކަށް އަރާފައެވެ. އެންމެ ކުރީގައިވާ ރައުލް ގޮންޒަލޭޒް އަށްވުރެ ކުރިއަށް ޖެހިލުމަށް ރޮނާލްޑޯއަށް ދެން ބޭނުންވަނީ އެންމެ 3 ގޯލެވެ. ލިއޮނެލް މެސީ ވަނީ 67 ގޯލާއެކު ލިސްޓުގެ ތިން ވަނައިގައެވެ.

މި ގްރޫޕްގައި ދެން ކުޅުނު މެޗުގައި ފަސް އަހަރަށްފަހު މި މުބާރާތުގައި ކުޅެން ފެށި އިނގިރޭސިވިލާތުގެ ލިވަޕޫލް ވަނީ ބަލްގޭރިއާގެ އެފްސީ ލުޑޮގްރެޓްސް ގެ މައްޗަށް 2-1 ލަނޑުން ކާމިޔާބު ހޯދާފައެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ދެވަނަ މެޗުގައި ރެއާލް ލުޑޮގްރެޓްސް އާ ބައްދަލުކުރާއިރު ލިވަޕޫލް ނުކުންނާނީ އެފްސީ ބާސެލް އާ ދެކޮޅަށެވެ.