17 Sep 2014, 10:23
އެކިއެކި ދާއިރާތަކުން ރާއްޖޭގައި ފާހަގަކޮށްލެވޭ ބޭބޭފުޅުންގެ އަގު ވަޒަންކޮށް ހިތްވަރުދިނުމަށްޓަކައި ފްރެޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ–މޯލްޑިވްސް (ފެއިމް) އިން ހާއްސަ އެވޯޑެއް ދޭން ނިންމައިފި އެވެ.
އިންޑިއާ އަދި ރާއްޖޭގެ ރައްޔިތުންގެ ދެމެދު އޮތް އެކުވެރިކަން އާލާކުރުމަށް މަސައްކަތްކުރަމުންދާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ، ފެއިމް އިން އެކަން އިއުލާންކޮށްފައި ވަނީ، އެ އެސޯސިއޭޝަންގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ މާބަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ފްރެޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ–މޯލްޑިވްސް (ފެއިމް)ގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ މާބަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އިންޑިއާ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭ އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފު (މޮންދު) ޝަރަފްވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި ފެއިމް އިން ވަނީ އަންނަ އަހަރު އެ އެސޯސިއޭޝަނުން ކުރަން ނިންމާފައިވާ ޕްރޮގްރާމްތައް އިއުލާންކޮށްފަ އެވެ.
ފެއިމް އިން ބުނީ، އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދޭން ނިންމާފައިވާ އެ އެވޯޑް ދޭނީ ކޮން ދާއިރާތަކަކުން އަދި ނިންމާފައިނުވާ ކަމަށެވެ.
ރޭގެ ރަސްމިއްޔާތުގައި އަންނަ އަހަރު ފެއިމް އިން ކުރަން ރާވާފައިވާ ގިނަ ކަންތައްތަކެއް އިއުލާންކޮށްފައިވާ އިރު، އޭގެ ތެރޭގައި އިންޑިއާ މޯލްޑިވްސް ޓްރޭޑް ފެއާއަކާ ޓްރޭޑް ސެމިނާއެއް ބާއްވަން ނިންމާފައިވެ އެވެ. އަދި އިންޑިއާގައި މޯލްޑިވްސް ޓުއަރިޒަމް ރޯޑް ޝޯގެ ނަމުގައި ފެއާ އެއް ވެސް އަންނަ އަހަރު ބާއްވަން ނިންމާފައިވާ ކަމަށް ފެއިމް އިން ވަނީ އިއުލާންކޮށްފަ އެވެ.
މީގެ އިތުރުން، އަންނަ އަހަރުން ފެށިގެން މޯލްޑިވްސް ސުޕާ ސިންގާގެ ނަމުގައި ލަވަ ކިޔުމުގެ މުބާރާތަކާއި ސްކޫލް ތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލް ކުއިޒް ކޮމްޕެޓިޝަނެއްގެ އިތުރުން، އިންޑިއާގައި މަތީ ތައުލީމުގެ ފުރުސަތު ހޯދައިދިނުމަށް، އިންޑިއާ އެޑިއުކޭޝަން ފެއާގެ ނަމުގައި އަންނަ އަހަރުން ފެށިގެން ފެއާއެއް ބާއްވަން ވަނީ ރާވާފަ އެވެ.
ރާއްޖެ އާއި އިންޑިޔާ އާދެމެދު އޮންނަ ޑިޕްލޮމެޓިކް ގުޅުންތަކަށް އަންނަ އަހަރު 50 އަހަރު ފުރުމާ ގުޅިގެން ވެސް ތަފާތު ޕްރޮގްރާމްތަކެއް ފެއިމް އިން ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރު ރަޖީވް ޝަހާރޭ ވިދާޅުވީ، ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަ އެކުވެރިކަމަކީ ޒަމާނުއްސުރެއް އޮންނަ އެކުވެރިކަމެއް ކަމަށެވެ. އަދި އެ އެކުވެރިކަން ދަމެހެއްޓުމަށްޓަކައި ފެއިމް ފަދަ ފަރާތްތަކުގެ ޕްރޮގްރާމްތައް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފެއިމް ފަދަ އެސޯސިއޭޝަންތައް ހިނގަމުންދަނީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ އެކުވެރިކަމުގެ ސަބަބުން،" އިންޑިއާ ހައިކޮމިޝަނަރު ވިދާޅުވި އެވެ.
މީގެ އިތުރުން، ރާއްޖެ އާއި އިންޑިޔާ އާދެމެދު އޮންނަ ޑިޕްލޮމެޓިކް ގުޅުންތަކަށް އަންނަ އަހަރު 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން، ދެ ގައުމުގެ ދޭތެރޭގައި ތާރީހާއި ސަގާފަތާ ގުޅޭ ގޮތުން ހާއްސަ ސެމިނާއަކާއި އިންޑިއާގެ ބޮލީވުޑްގެ ޓީމެއް ރާއްޖެ ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފު (މޮންދު) ވިދާޅުވީ، އިންޑިއާއާއި ރާއްޖެއާ ވެސް ތިބި އިލްމުވެރި އަދި ހުނަރުވެރިންގެ ތަޖުރިބާތައް ދެ ގައުމުގެ ދެމެދު ހިއްސާކުރުން މުހިއްމު ކަމަށެވެ. އަދި އެކަމަށް ފެއިމް އިން މަސައްކަތްކޮށްދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.
"އިންޑިޔާއަކީ ހަމައެކަނި ގައުމެއް ނޫން. އިންޑިޔާއަކީ އެތައް ނަސްލުތަކާއި ދީންތަކަކާއި ސަގާފަތްތަކެއްގެ މައްޗަށް އެކުލެވިގެންވާ "ދުނިޔެ" އެއް،" މުންދު ވިދާޅުވި އެވެ.

(ފެއިމް)ގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ މާބަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
މީގެ އިތުރުން، ފެއިމް އަށް ސަރުކާރުން އެއްބާރުލުން ދެވެން ހުރި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ފެއިމްގެ މެންބަރުންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅުންނަށް ހަނދާނީ ފިލާ އަރުވާފައިވެ އެވެ. އަދި އިންޑިއާގެ ސަގާފީ ނެށުމަކާއި ޖާދޫގެ ހަރަކާތްތަކެއް ފެނިގެންގޮސްފައިވާ އިރު، ރާއްޖޭގެ ދެ ފަންނާނަކު ވަނީ ލަވައެއް ހުށަހަޅައިދީފަ އެވެ.