17 Sep 2014, 10:19
ސްރީލަންކާގެ ކޮލަމްބޯގައި ވިލާ ކޮލެޖުން ހުޅުވާފައިވާ ކެމްޕަހުން ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވިލާ ކޮލެޖުން ބުނީ، އަންނަ މަހު ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ ދެ ޑިގްރީ ޕްރޮގްރާމެއް ކަމަށެވެ. އެއީ ވިލާ ކޮލެޖުގެ ޕާޓްނާއެއް ކަމަށްވާ ޖަރުމަނުގެ ހެއިލްބްރޮން ޔުނިވާސިޓީގެ ބެޗްލާސް އޮފް އާޓްސް އިން ޓޫރިޒަމް މެނޭޖްމަންޓާއި ބެޗްލާސް އޮފް އާޓްސް އިން ބިޒްނަސް މެނޭޖްމަންޓް، އިންޓާކަލްޗަރަލް ސްޓަޑީސް ކަމަށް އެ ކޮލެޖުން މައުލޫމާތުދެ އެވެ.
އެގޮތުން އަންނަ މަހުގެ ހަ ވަނަ ދުވަހު ކިޔެވުން ފަށާ ކޮންމެ ޕްރޮގްރާމަކަށް 30 ޖާގަ ދޫކުރެވޭނެ ކަމަށާއި ޕްރޮގްރާމްތަކުގައި ބައިވެރިވާން ބޭނުންވާ ރާއްޖޭގެ ދަރިވަރުން އެންރޯލްމަންޓް ފީ ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަސް އިން ދެއްކޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.
ވިލާ ކޮލެޖުން ބުނީ، ކޮލޮންބޯ ކެމްޕަހުގައި ފަށާ ކޯސްތަކުގައި ކިޔަވައިދެއްވާނީ ވިލާ ކޮލެޖު ކޮލޮބޯގެ ލެކްޗަރާއިންނާއި ހެއިލްބޮރޮން ޔުނިވަރސިޓީގެ ލެކްޗަރާއިން ކަމަށެވެ.
މީގެ އިތުރުން، ފަށާ ދެ ޕްރޮގްރާމްގައި ވެސް ހަ މަސް ދުވަހުގެ އިންޓާންޝިޕް ޕްރޮގްރާމެއް ހިމެނޭނެ ކަމަށާއި އެ އިންޓާންޝިޕް ފުރިހަމަ ކުރުމަށްޓަކައި ދަރިވަރުން ސްރީލަންކާގެ އިތުރުން، ޤަތަރާއި އިންޑިއާ އަދި ޖަރުމަނަށް ދިއުމުގެ ފުރުސަތު އެ ކޮލެޖުން ހޯދައިދޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
ސްރީލަންކާގެ ކޮލޮންބޯ 5، ހެވެލޮކް ރޯޑުގައި ހުޅުވާފައިވާ ވިލާ ކޮލެޖު ކޮލޮމްބޯ ކެމްޕަހަކީ ވިލާ ކޮލެޖާއި ސްރީލަންކާގެ ސަރުކާރާއި ގުޅިގެން ހިންގޭ ޕްރޮޖެކްޓެއްގެ ދަށުން ހުޅުވާފައިވާ ކެމްޕަހެކެވެ. އަދި އެއީ ރާއްޖޭގެ ކޮލެޖަކުން ރާއްޖޭން ބޭރު ގައުމެއްގައި ހުޅުވި ފުރަތަމަ ކެމްޕަހެވެ.