ގާހިރާ (ސެޕްޓެމްބަރ 17) : ޢިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި އެއްވެސް ވަރަކަށް މިސްރު ބައިވެރިނުވުމަކީ ވަރަށް ގާތްކަމެއް ކަމަށް މިސްރުގެ ޚާރިޖީ ވަޒީރު ސާމިޙް ޝުކުރީ ވިދާޅުވެއްޖެ އެވެ.

މިސްރުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ސާމިޙް ޝުކުރީ ވިދާޅުވީ މިސްރު ސިފައިންނަކީ ހަމައެކަނި މިސްރުގެ ސަރަހައްދާއި ރައްޔިތުންގެ ޙިމާޔަތުގައި ތިބޭ ބައެއްކަމަށާއި އެނޫންކަން ކަމަށް މިސްރު ސިފައިންގެ ހަކަތަ ބޭނުން ނުކުރެވޭނެ ކަމުގަ އެވެ. މިސްރުގެ ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެންކުރާ ހަނގުރާމައިގާ މިސްރު ހިމެނޭ ގޮތަށް އަރަބި 10 ގައުމެއްގެ ސިފައިން ބައިވެރިވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

މިސްރުގެ އަލްއަޚްބާރު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި އެގައުމުގެ ޚާރިޖީ ވަޒީރު ސާމިޙް ޝުކުރީ އިއްޔެ ވިދާޅުވީ މިސްރުގެ އެތެރޭގައި ހިނގަމުންދާ ޓެރަރިޒަމްގެ އަމަލުތަކާ މިސްރު ސިފައިން ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އަދި އަވަށްޓެރި ލީބިޔާގައި ވެސް ހަމަނުޖެހުންތައް ބޮޑުކަމުން މިސްރު ސިފައިން ތައްޔާރީ ހާލަތުގައި ތިބެންޖެހިފައިވާތީ އެހެންކަމެއްގައި މިސްރު ސިފައިންނަށް ބައިވެރި ނުވެވޭނެ ކަމުގަ އެވެ. (ރޮއިޓާސް)