ފ. ދަރަނބޫދޫން ފުރައިގެން ކަންނެލި މަސްވެރިކަމު ނިކުތް އެ ރަށު "ރަންދީ-2" ނަމަކަށްކިޔާ ދޯނީގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އެ ދޯނީގެ ވެރިފަރާތައް ދޯންޔާއި ގުޅިއްޖެ އެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ދޯނީގެ ހަބަރެއްވެފައި ވަނީ އެމްއެންޑީއެފްއިން އެދޯނި ހޯދަމުންދަނިކޮށް ދޯނީގައި ހުރި މީހަކާއި ވެރިފަރާތާ ގުޅުމުން ކަމަށެވެ. ގެއްލެން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެދޯނީގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި އެދޯނި މިހާރުދަނީ ދަރަނބޫދުއަށް އައުމަށް ދަތުރުކުރަމުން ކަމަށެވެ.

އެދޯނި ގެއްލިގެން ހޯދަން ފަށާފައި ވަނީ 12 މީހުނާ އެކު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ފ. އަތޮޅު ދަރަނބޫދޫ އާއި ދިމާލު ބޭރަށް މަސްވެރިކަމު ފުރައިގެން ގޮސް ފަހުން ހަބަރެއް ނުވެގެންނެވެ.

ދިގު މިނުގައި 75 ފޫޓު ހުންނަ އެ ދޯންޏަކީ ބޭރުގައި މަޑުނޫކުލައިގެ ދަވާދު ލާފައިވާ އަދި މުށިކުލައިގެ ފަށެއް ދަމާފައިވާ ދޯންޏެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.