17 Sep 2014, 09:05
ވައިޓް ހައުސް (ސެޕްޓެމްބަރ 17) : ހުޅަނގު އެފްރިކާގެ ގައުމުތަކުގައި އެބޯލާ ވައިރަސް ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ޓަކައި އެމެރިކާގެ ތިން ހާސް ސިފައިން އެސަރަހައްދުގެ ގައުމުތަކަށް ފޮނުވާނެ ކަމަށް އެމެރިކާ ބުނެފި އެވެ.
ޓެރަރިޒަމާ ގުޅޭ ކަންކަމުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ލަފާއަރުވާ މުސްތަޝާރެއް ކަމަށްވާ ލީޒާ މޮނާކޯ ވިދާޅުވީ އެބޯލާއާ ހަނގުރާމަ ކުރުމަށް ޓަކައި އެމެރިކާ ސިފައިންގެ ގްރޫޕެއް ހުޅަނގު އެފްރިކާއަށް ފޮނުވުމުގެ ބޭނުމަކީ އަސްކަރީ ލޮޖިސްޓިކްސް އާއި ސަޕްލައިގެ ކަންތައްތަކުގައި އެމެރިކާ ސިފައިންނަށް ލިބިފައިވާ ތަމްރީނާއި ތަޖްރިބާ އެގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އެބޯލާއާ ދެކޮޅަށް ހުޅަނގުއެފްރިކާގެ ގައުމުތަކަށް އެހީވުމަށް އެމެރިކާ ރާވާފައިވާ ޕްރޮގްރާމުގައި ސިއްޙީ ކޭންޕްތަކާއި ސިއްޙީ އެހީދޭ ހިޔާވަހިތައް ބިނާކޮށްދިނުމާއި އެގައުމުތަކުގެ ސިއްޙަތާ ބެހޭ އެތައް ހާސްބަޔަކު ތަމްރީންކޮށް ދިނުމުގެ އިތުރުން ބައެއް ބޭސް ފޯރުކޮށްދިނުމާއި އެބޯލާއާ ދެކޮޅަށް ހިންގާ ހަރަކާތްތައް ކޯޑިނޭޓްކޮށް ބަލަހައްޓާނެ އަސްކަރީ ކޮމާންޑް ސެންޓަރެއް ގާއިމްކޮށްދިނުން ހިމެނޭކަމަށް ވެސް ލީޒާ ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އެބޯލާ ވައިރަސް ފެތުރުމުގެ މައްސަލައަކީ އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މައްސަލައެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. ނަމަވެސް މިމައްސަލާގައި އަމަލީ ގޮތުން އެމެރިކާ ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާތީ އެތައްބައެއްގެ ފާޑުކިޔުންތައް އޮބާމާ އަށް ވަނީ އަމާޒުވެފަ އެވެ. ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ ބުނާ ގޮތުން އެބޯލާ ޖެހިފައިވާ 4784 މީހުންގެ ތެރެއިން މިހާތަނަށް 2400 މީހުން ވަނީ މަރުވެފައިވެ އެވެ.
އދ. އިން ވަނީ އެބޮލާ ކޮންޓްރޯލް ކުރުމަށް ޓަކައި އެއްބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް ބުނެފަ އެވެ. އދ. އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ލައިބީރިޔާއާއި ސީރަލިޔޯން އާއި ގިނީ ގައި އެބޯލާ ޖެހިދާނެ ކަމުގެ ބިރު ހީވެފައިވާ 23 މިލިޔަން މީހުން އެބަތިބި ކަމުގަ އެވެ. އަދި މި ތިން ގައުމުގައި އެބޯލާ ފެތުރުން ހުއްޓުވުމަށް ޓަކައި ސިއްހީ މަރުކަޒުތައް ބިނާކުރުމަށާއި ސިއްހީ އެހީތެރިންނާއި ޑޮކްޓަރުންނާއި ބޭސް ހޯދުން ފަދަ ކަންކަމަށް މިއަހަރުގެ ނިޔަލަށް އެއް ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމަށް އދ. ގެ ބަޔާނެއް ބުނެ އެވެ. ސިއްޙަތާ ބެހޭ ރީސާޗްގެ ދާއިރާގައި ކުރީގައި އުޅޭ ގައުމެއް ކަމަށްވާ ކިޔުބާއިން ވަނީ އެބޯލާއާ ހަނގުރާމަ ކުރުމަށް ޓަކައި ސިއްހީ ތަޖްރިބާކާރުންގެ 165 މީހުން ހުޅަނގު އެފްރިކާގެ ގައުމުތަކަށް ފޮނުވުމަށް ނިންމިކަން އިޢްލާން ކޮށްފަ އެވެ. (ރޮއިޓާސް)