ފ. ދަރަނބޫދޫއިން ފުރައިގެން ކަންނެލި މަސްވެރިކަމު ނިކުތް އެރަށު ރަންދީ-2 ނަމަކަށްކިޔާ ދޯނީގެ ހަބަރެއް ނުވެގެން ދޯނީގެ ހޯދުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން މިރޭ ފަށައިފި އެވެ.

އެމްއެންޑީއެފުން މިރޭ ބުނީ، 12 މީހުނާއިއެކު މި މިދޯނި މަސްވެރިކަމަށް ފުރާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައި ފ. އަތޮޅު ދަރަނބޫދޫ އާއި ދިމާލު ބޭރަށް ކަމަށެވެ.

ދިގު މިނުގައި 75 ފޫޓު ހުންނަ އެ ދޯންޏަކީ ބޭރުގައި މަޑުނޫކުލައިގެ ދަވާދު ލާފައިވާ އަދި މުށިކުލައިގެ ފަށެއް ދަމާފައިވާ ދޯންޏެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ރަންދީ-2 ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުމަށް އަދި ފެކްސް ކުރައްވަން ބޭނުންފުޅުވާނަމަ ފެކްސް 3391665 ނަންބަރަށް ފެކްސްކޮށް ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.