ކުޑަކުދިންނަށް މަރުގެ އަދަބު ދިނުމަށް ސަރުކާރުން އުޅޭ ކަމަށް ދޭހަވާގޮތަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ދައްކާފައިވާ ވާހަކަތައް ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ.

ރާއްޖޭގައި މިވަގުތު ފާހަގަކުރެވިފައިވާ އިންސާނީ ހައްގުތަކާ ގުޅުން ހުރި މައްސަލަތައް ދެނެގަތުމަށްފަހު އެ ކޮމިޝަނުން ތައްޔާރުކުރި "ޔުނިވާސަލް ޕީރިއޮޑިކް ރިވިއު" ރިޕޯޓުގައި ބުނެފައި ވަނީ ކުޑަކުދިންނަށް މަރުގެ އަދަބު ދިނުން ހުއްޓާލަން ޖެހޭ ކަމަށެވެ. އެ ކޮމިޝަނުން ވަނީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް އެ ރިޕޯޓު ހުށަހަޅާފަ އެވެ.

'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭގޮތުން ސަރުކާރުން އެކުލަވާލި ގަވާއިދުގައި 18 އަހަރުން ދަށުގެ ކުދިންނަށް މަރުގެ އަދަބު ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިނުވާނެ ކަމަށެވެ.

މުއާޒު ވިދާޅުވީ ކުޑަކުއްޖެއްގެ ގޮތުގައި ހުރެ މީހަކު މަރާލި ކަމުގައި ވީނަމަވެސް ޝަރުއީ ހުރިހާ މަރުހަލާތަކެއް ފުރިހަމަވެ، އެފަދަ މީހަކަށް މަރުގެ ހުކުމް އިއްވައިފިނަމަ މަރުގެ ހުކުމް ތަންފީޒު ކުރުމުގައި އަމަލު ކުރާނެ ގޮތް ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން އެފަދަ ކުއްޖަކަށް 18 އަހަރު ފުރުމުން މަރުގެ ހުކުމް ތަންފީޒު ކުރެވޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވާ ކަމަށާއި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ދިވެހި ރައްޔިތުން އެދެމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށާއި ރާއްޖޭގައި ހިނގާނީ އިސްލާމީ ޝަރީއަތް ކަމަށެވެ. މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގަވާއިދެއް ސަރުކާރުން އެކުލަވާލާފައި ވަނީ ރައްޔިތުންގެ އިހުސާސްތައް ދަނެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އަށް ވަރަށް ގިނަ ޝަކުވާތައް ލިބިފައިވޭ، މާރާމާރީތައް އިތުރުވެ މީހުން މެރުން އިތުރުވަމުންދާތީ،" މުއާޒު ވިދާޅުވި އެވެ.

ކުށްވެރިޔާގެ ހައްގުތަކޭ ކިޔައިގެން ވާހަކަދައްކާއިރު ގަތުލުކޮށްލެވޭ މީހާއާއި އޭނާގެ އާއިލާގެ ހައްގުތަކެއް ވާކަން ދަންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑަކުދިންނަށް މަރުގެ އަދަބު ދޭން އުޅޭ ކަމަށް ބުނެ އެޗްއާރްސީއެމް އިން ކަންބޮޑުވާއިރު، މިފަހަކަށް އައިސް ރާއްޖޭގައި ހިނގާ ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ މާރާމާރީތަކުގައި އަމަލީގޮތުން ބައިވެރިވާ މީހުންގެ ތެރޭގައި 13 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން އުޅޭކަން ފާހަގަ ކުރެވެއެވެ.