16 Sep 2014, 22:50
ޣައްޒާގެ ދަރިވަރުންގެ ހޫނުމޫސުމުގެ ޗުއްޓީ ނިންމުމަށް ފަހު މިފަހަރު ސްކޫލްތަކަށް އެނބުރި އައީ ކުރިން ހަމަޖެހިފައި އޮތް ދުވަހަށް ވުރެ ދެހަފުތާ ފަހުންނެވެ. އެކުދިން ސްކޫލަށް އަލުން ނުކުތުން މިދިޔަ އާދީއްތަ ދުވަހާ ހަމައަށް ލަސްކުރަން ޖެހުނީ 50 ދުވަސް ވަންދެން އިސްރާއީލުން އެރަށުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ނުރައްކާތެރި އުދުވާނުގެ ސަބަބުންނެވެ. އެ އުދުވާނުގައި ސްކޫލްތަކަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ ސަބަބުންނެވެ.

ޣައްޒާގެ އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުނީ ޕަބްލިކް ސްކޫލްތަކުގެ ގްރޭޑް އެކަކުން 12 އާ ހަމައަށް ކިޔަވާ 230،000 ކުދިންނާއި ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އިން ހިންގާ ސްކޫލްތަކަށްދާ 200،000 ކުދިންނާއި އަމިއްލަ ތަންތަނުގައި ކިޔަވާ 10،000 ކުދިންގެ ކިޔެވުން އާދީއްތަ ދުވަހު ފެށި ކަމަށެވެ. އެހެންވެ، އާދީއްތަ ދުވަހުގެ ހެނދުނު ޣައްޒާގެ މަގުތައް ތޮއްޖެހިފައި އޮތީ އެކި އެކި ޔުނިފޯމްތައް ލައިގެން ނުކުތް ދަރިވަރުންނާއިގެންނެވެ.
އޭޕީގެ ނޫސްވެރިން ޒިޔާރަތްކުރި އެއް ސްކޫލަކީ އައް ޒައިތޫން ބޯއީސް އެލެމެންޓްރީ ސްކޫލެވެ. އެ އެޖެންސީން ވަނީ އެސްކޫލުގެ ހާލަތު ސިފަކޮށްދީފައެވެ.
" އެ ސްކޫލުގެ ކިޔެވުން ފެށުނު ވަގުތު ދަރިވަރުން ކުރަމުން ދިޔަ ކަމަކީ ހަނގުރާމައިގައި ޝަހީދުވި، ކްލާސް ކުދިންގެ ނަންތައް ލިޔެފައިވާ ސްޓިކާތައް ފާރުތަކުގައި ތަތްކުރުމެވެ. ޓީޗަރުން މަސައްކަތް ކުރަމުން ދިޔައީ ބޮޑެތި ގެއްލުންތައް ލިބިފައިވާ އެ ސްކޫލްގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށެވެ،" އޭޕީގެ ހަބަރުގައި ވެއެވެ.

އޭޕީން ވަނީ އައް ޒައިތޫނު ސްކޫލްގެ ބައެއް ދަރިވަރުންނާ ވެސް ވާހަކަ ދައްކާފައެވެ.
"... އަހަރެން މިހިރީ ކުރިން ސްކޫލަށް އައިމާ ވާގޮތަށް، މާބޮޑަށް އުފާވެފައެއް ނޫން. އަހަރެންނަށް އިހުސާސް ވަނީ ކޮންމެވެސް ކަމެއް މަދުކަމަށް. އެކީގައި ކިޔަވާ ކުދިންނާ ބެހޭ ގޮތުން އަހަރެން ސުވާލުކުރިން. އޭގެ ތެރެއިން ބައެއް ކުދިން ވަނީ މަރުވެފައި. އަނެއްބައި ކުދިން ޒަހަމްވެފައި،" އޭޕީއާ ވާހަކަ ދެއްކި އުމުރުން 11 އަހަރުގެ ތަމޫރު ތޫތާ ބުނެފައި ވެއެވެ.
ޣައްޒާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލް ޒައިދު ތަހުބަތު ވިދާޅުވެފައި ވަނީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ސްކޫލްތަކުގެ ކިޔެވުމުގެ ފުރަތަމަ ހަފުތާ ހާއްސަކޮށްފައި ވަނީ ކައުންސިލިންދީ، ކުދިންނަށާއި ޓީޗަރުންނަށް ނަފުސާނީގޮތުން އެހީތެރިވުމަށެވެ.

"... އަހަރެމެން ވާނީ ހަނގުރާމައަށް ފަހު ކުދިންނަށް އެހީތެރިވުމަށް 11،000 ޓީޗަރުންނާއި 3000 ޕްރިންސިޕަލުން ނާއި އެޑްމިނިސްޓްރޭޓަރުން ތަމްރީނުކޮށްފައި،" އޭނާ ވިދާޅުވެފައި ވެއެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ ހަނގުރާމައިގައި 26 ސްކޫލެއް މުޅިން ފަނާވެ، 232 ސްކޫލަކަށް ގެއްލުންވެފައިވާ ކަމަށެވެ.