އާ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި ސައިޕްރަސް ގެ އެފްސީ އަޕޮއެލް ބައްދަލު ކުރާއިރު އެޓީމު އަންޑަ އެސްޓިމޭޓް ނުކުރުމަށް ބާސާގެ ކުޅުންތެރިންނަށް ކޯޗު ލުއިސް އެންރީކޭ ގޮވާލައިފި އެވެ.

ބުދަ ދުވަހުގެ ރޭ ބާސާގެ ނޫ ކޭމްޕް ގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ސައިޕްރަސް ގެ ޓީމާ ދެކޮޅަށް ބާސާ ނުކުންނަ އިރު އެއްވެސް ހާލެއްގައި އަޕޮއެލް އަކީ އެޓްރެކްޓިވް ކްލަބަލަށް ނުވާތީ އެ ޓީމު އަންޑަ އެސްޓިމޭޓް ނުކުރުމަށާއި މި މެޗަކީ ދެންހުރި މެޗްތަކާ އެއްފަދަ މުހިއްމު މެޗެއް ކަމަށް އެންރީކޭ ބުންޏެވެ.

"އިދިކޮޅު ޓީމަކީ އެޓްރެކްޓިވް ޓީމަކަށް ނުވިޔަސް ޕީއެސްޖީ މެޗާ އެއްވަރަށް މިމެޗަކީ ވެސް މުހިއްމު މެޗެއް. ސަބަބީ މިއީވެސް ވަރަށް މުހިއްމު 3 ޕޮއިންޓް." ރިޕޯޓަރުންނަށް މައުލޫމާތު ދެމުން އެންރީކޭ ބުންޏެވެ.

" ފުޓްބޯޅައިގައި ވަރަށް ގިނަ ފަހަރު ބޮޑެތި ޓީމުތަކުގެ މައްޗަށް ކުދި ޓީމުތަކުން ވަނީ ހައިރާން ކުރުވަނިވި ނަތީޖާތަކެއް ހޯދާފައި. ރަނގަޅަށް ވިސްނައިގެން ނުކުޅޭނަމަ އަހަރުމެންނަށް ވެސް އޭގެ އަސަރު ކުރާނެކަން ޔަގީން. ނަމަވެސް އަހަރުމެން އެމީހުންނަށްވުރެ ވަރުގަދަ ވީމަ ފަސޭހަވާނެ މޮޅުވާން. ޓީމުގަ ޕޮޒިޓިވް ކަންތައްތަކެއް ހުއްޓަސް ރަނގަޅު ކުރަންޖެހޭ ކަންތައްތައް އެބަހުރި. މިއީ އަދި ސީޒަންގެ ފެށުން. އަދި މިއުޅެނީ ރަނގަޅަށް ގޭމްގެ ތެރެއަށް ނުވަދެވިގެން. އެހެންވީމަ މިތަނުން އަހަރުމެން ބަލިކަށިވެދާނެ،" އިތުރަށް ވާހަކަދައްކަމުން އެންރީކޭ ބުންޏެވެ.

މިދިޔަ ސީޒަންގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެ މުބާރާތުން އަލްވަދާއު ކިޔަން ޖެހުމުން ބާސާއަށް ވަނީ ގިނަ ބައެއްގެ ފާޑުކިއުންތަކާ ކުރިމަތި ވެފައެވެ.

އުމުރުން 44 އަހަރުގެ ސްޕެއިން ކޯޗު ބުނީ މި ސީޒަންގެ އެންމެ ބޮޑު އަމާޒަކީ ޗެމްޕިއަންސް ލީގު ކާމިޔާކުރުން ނޫން ކަމަށެވެ.

ބާސެލޯނާ އިން ވަނީ އާ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ގިނަ ކުޅުންތެރިން ޓީމާއި ގުޅުވާފައެވެ. މިގޮތުން ލިވަޕޫލުން އުރުގުއާއީގެ ހުނަރުވެރި ފޯވަޑް ލުއިސް ސުއަރޭޒް އާއި ކްރޮއޭޝިއަން ޑިފެންސިވް މިޑްފީލްޑަރު ރަކިޓިޗް، ބާސާ ޓީމާއި ގުޅުނުކަން ފާހަގަކޮށްލެވެއެވެ.

ސްޕެނިޝް ލަލީގާ ގައި މިވަގުތު ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް ތާވަލުގެ އެންމެ ކުރީގައެވެ.