16 Sep 2014, 20:25
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކ. އަތޮޅުގެ ރަށަކުން ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު 12 ވަނަ ފަހަރަށް ކޯޓުން އިތުރުކޮށްފި އެވެ.
މިދިޔަ މެއި މަހުގެ ތެރޭގަ ހައްޔަރު ކުރި އެމީހާ މުއްދަތު 12 ވަނަ ފަހަރަށް ކުރިމިނަލް ކޯޓުން އިތުރުކޮށްދީފައިވަނީ މިއަދެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަމުން އައިސްފައިވަނީ އެކި ފަހަރު އެކި އެކި މުއްދަތަށެވެ. އެގޮތުން މިއަދު އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ފަސް ދުވަހަށެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ނުކުޅެދޭ ކުއްޖަކު "ޖިންސީ ޝިކާރައަކަށް" ހެދިކަމުގެ ތުހްމަތުގައި ހައްޔަރުކޮށްގައި ވަނީ އޭނައާ އާއިލީ ގުޅުން އޮންނަ މީހެކެވެ.
އަދި އުމުރުން 25 އަހަރުގެ އެމީހާ ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން 14 އަހަރުގެ ކުއްޖަކާ އެވެ. އެ ކުއްޖާގެ އާއިލާ އިން ކިޔައިދިން ގޮތުގައި އެކި ފަހަރުގެ މަތިން އެމީހާ ވަނީ އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައެވެ.
އަޑު އެހުމާއި ވާހަކަ ދެއްކުމުގައި ނުކުޅެދުންތެރިކަން ހުންނަ އެ ކުއްޖާ ވަނީ އޭނާއަށް ޖިންސީ ގޯނާކުރި ދުވަސްތައް އޭނާ ގެންގުޅޭ އައިޕެޑެއްގައި ފާހަގަކޮށްފައެވެ.