ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ގއ. ކަނޑުހުޅުދޫން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ދަންވަރު 12:45 އެހައިކަންހާއިރު ހިންގި އެ މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއްގެ އިތުރުން 25 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މާރާމާރީގެ ސަބަބުން ފުލުސްމީހާގެ އަނގަމަތި ފަޅައިގެން ގޮސް، ކަނާއަތު ލޮލަށް ލޭ އަރާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އަނިޔާލިބުން ފުލުސް މީހާއަށް ކަނޑުހުޅުދޫ ސިއްހީ މަރުޒުގައި ފަރުވާ ދިނުމަށްފަހު މީހާރުވަނީ ދޫކޮށްލާފައެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު މީހުންގެ ތެރޭގައި ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީއެއްގެ ދަރިއަކުވެސް ހިމެނެ އެވެ.

އެ އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގަ އެވެ. ގއ. ވިލިނގިލީ ޕޮލިސްޓޭޝަނުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.