ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ލިވަޕޫލް މިރޭ ލުޑޯގޮރެޓްސް އާ ދެކޮޅަށް ނުކުންނަ އެޓީމުގެ އިޓަލީ ފޯވާޑް މާރިއޯ ބަލޮޓެލީ ވަނީ ރަނގަޅަށް މެޗަށް ތައްޔާރުވެފައި ކަމަށް ލިވަޕޫލުގެ ކޯޗް ބްރެންޑަން ރޮޖާސް ބުނެފި އެވެ.

އިޓަލީގެ އޭސީ މިލާނުން 16 މިލިއަން ޕައުންޑުގެ ފީއަކަށް ބަލޮޓެލީ ލިވަޕޫލަށް ބަދަލުވީ ނިމިދިޔަ ޓްރާންސްފާގައެވެ.

ރޮޖާސް ގަބޫލުކުރާ ގޮތުގަ އިބަލޮޓެލީ ލައްވައި ގިނަ މެޗުތަކެއް ކުޅުވައި އޭނާގެ ތަޖްރިބާ އިތުރުކުރެވިއްޖެ ނަމަ އޭގެ ފައިދާ ލިވަޕޫލަށް ވަރަށް ބޮޑަށް ކުރާނެ އެވެ.

ރޯޖާސް ބުނީ މިދިޔަ ހަފްތާގައި ބަލޮޓެލީ ބަލިކޮށް އުޅުނު ކަމުގައި ވިޔަސް އެއީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިއެއް ކަމަށެވެ.

"އޭނާ އަދި ކިރިޔާ އެއައީ ކްލަބަށް. ވަރަށް ބުރަކޮށް އެބަ މަސައްކަތް ކުރޭ ފީލްޑުގައި އޭނާ. ނަސީބު ދިމާވި ގޮތުންމިދިޔަ ހަފްތާ އެ ދިޔައީ އޭނާ ބަލިކޮށް. އެކަމަކު މެޗު އޮތް ދުވަހަށް ފިޓު ވެފައި ހުރި ވާހަކަ ބުނި. އެއިން ވެސް އެ އެނގެނީ އޭނާ ކުޅެން ބޭނުން ވާ ވަރު،" ލިވަޕޫލްގެ ކޯޗު ބުންޏެވެ.

ރޯޖާސް ބުނީ ބަލޮޓެލީއަކީ ވަރަށް ތަޖުރިބާ ހުރި ކުޅުންތެރިއެއް ކަމަށާއި އޭނާއަކީ ބުރަކޮށް މަސައްކަތް ކުރާނެ ކުޅުންތެރިއެއް ކަމަށެވެ.

"އޭނާ އަކީ ވަރަށް ތަޖުރިބާ ހުރި ކުޅުންތެރިއެއް. އޭނާ އަށް އެނގޭ އޭނަ ގެނެސް އެހުރީ މަސައްކަތެއް ކުރަން ކަން. އެއީ އަހަރެމެންނަށް ގޯލް ޖަހައިދޭން. އެއާއެކު ބުރަކޮށް މަސައްކަތް ކުރަން،" ރޯޖާސް ބުންޏެވެ.

ދިގު މުއްދަތެއް ވަންދެން ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ގެއްލިފައި އޮތް ލިވަޕޫލް އެންމެ ފަހުން އެ މުބާރާތުގައި ކުޅެފައި ވަނީ 2009 ވަނަ އަހަރުއެވެ.