19 Jan 2011, 22:37
ޝަރްމުއްޝައިޚް : މިސްރުގެ ޝަރްމުއްޝައިޚްގައި ޢަރަބި ޤައުމުތަކުގެ އިޤްތިސާދީ އަދި ތަރައްޤީގެ ސަމިޓް ބައްދަލުވުމެއް މިއަދު ފެށިއްޖެއެވެ.
ގިނަ ޢަދަދެއްގެ ޢަރަބި ޒައީމުން ބައިވެރިވެ ވަޑައިގަންނަވާ މިސަމިޓްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވެމުންދަނީ ޢަރަބި ޤައުމުތަކުގެ އިޤްތިސާދީ ކުރިއެރުމާއި ތަރައްޤީ ގެ މައްސަލަތަކަބެހޭ ގޮތުންނެވެ. މިސްރުގެ ރައީސް ޙުސްނީ މުބާރަކް އިފްތިތާޙް ކުރެއްވި މިސަމިޓްގައި ވާހަކަ ދެއްކެވި ޢަރަބި ލީޑަރުންވަނީ ޢަރަބި ޤައުމުތަކުގައި ވަޒީފާގެ ފުރްސަތުތައް އިތުރު ކުރުމަށް ގޮވާލައްވާފާއެވެ.
މިސަމިޓްގައި ތޫނިސްގެ އަދުގެ ޙާލަތާބެހޭގޮތުން ޢަރަބި ލީޑަރުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ސަމިޓްގެ ސެކްރެޓޭރިއަޓުން ބުނެއެވެ. ތޫނިސްގެ ރައްޔިތުންވަނީ އެޤައުމުގެ ރައީސް ޒައިނުލްއާބިދީން ބިންޢަލީގެ ސަރުކާރާ ދެކޮޅަށް ތެދުވެ އޭނާގެ ސަރުކާރު ވައްޓާލާފައެވެ. މިކަމުގެ ސަބަބުން ޢަރަބި ގިނަ ޤައުމުތަކުގެ ލީޑަރުންނަށް ސިހުން ލިބިފައިވާ ކަމަށް ޢަރަބި ނޫސްތައް ބުނެއެވެ.
މިސަމިޓްގައި ތޫނިސް ތަމްޘީލް ކުރެއްވީ ވަގުތީ ސަރުކާރުގެ ޚާރިޖީ ވަޒީރު ކަމާލް މަރްޖާންއެވެ. ނަމަވެސް އޭނާވަނީ ސަމިޓްފެށުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެނބުރި ޤައުމަށް ވަޑައިގެންފައެވެ. އެއަށްފަހު އޭނާގެ ބަދަލުގައި ތޫނިސް ތަމްޘީލް ކުރައްވަމުން ގެންދަވަނީ ޤާހިރާގައި ހުންނަވާ ތޫނިސްގެ ސަފިރު މުންޖީ އަލްބަދަވީއެވެ. މިސަމިޓުން ޢަރަބި ޤައުމުތަކުގެ އިޤްތިސާދީ ކުރިއެރުމާބެހޭ ސްޓްރެޓިޖިކް ޕްލޭނެއް އެކަށައަޅާނެ ކަމަށް ޢަރަބި ލީގުން ބުނެއެވެ. ޢަރަބި ޤައުމުތަކުގެ ސަމިޓެއް މީގެ ދެއަހަރުކުރިން ކުވައިތުގައިވެސް ބޭއްވިފައިވެއެވެ.