އާސެނަލް އަށް ޕްރިމިއާ ލީގް ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލް ނުކުރެވޭ ކަމަށް ލިވަޕޫލްގެ ކުރީގެ ޑިފެންޑަރު ޖެމީ ކެރެގާ ބުނެފި އެވެ.

ކަރެގާ ބުނީ، ޗެލްސީން ވަނީ ޓްރާންސްފާ ބާޒާރުގައި އާސެނަލްއަށް ވުރެ ކުރިއަށް ގޮސްފައިވާ ކަމަށާއި އާސެނަލް މިހާރު ވަނީ ޗެލްސީއަށްވުރެ މާ ފަހަތުގަ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު މެންޗެސްޓާ ސިޓީ އަތުން މޮޅު ނުވެވި ޖެހި ޖެހިގެން ތިންވަނަ މެޗުން އެއްވަރުވެ، ތާވަލުގެ އެންމެ ކުރީގައިވާ ޗެލްސީއަށްވުރެ ހަ ޕޮއިންޓް މަދުން ލިބިފައިވާ އާސެނަލް އޮތީ ހަވަނައިގައެވެ.

" އަހަރެންނަށް ހިއެއް ނުވޭ އާސެނަލް އަށް ތަށި ލިބޭނެ ކަމަަކަށް. ކީއްވެތަ އާސެނަލް އިން ޓްރާންސްފާ ބާޒާރުގައި ޑިއޭގޯ ކޮސްޓާ ނުގަތީ؟ އަހަރެން ގަބޫލް ކުރަން ވެލްބެކް އަކީ ރަނގަޅު، މޮޅު ކުޅުންތެރިއެއް ކަމަށް. އެހެން ނަމަވެސް އެމީހުންނަށް ބޭނުން ވަނީ ލެފްޓް ބެކެއް. ޗެލްސީން ކަންތައް ކުރަނީ އެމީހުން ބޭނުންވާ ގޮތަށް. " ސްކައި ސްޕޯޓްސް އަށް މައުލޫމާތު ދެމުން ކަރެގާ ބުންޏެވެ.

މިދިޔަ ސީޒަން ގައިވެސް ގަދަ ހަތަރެއްގެ ޓީމްތަކާ ދެކޮޅަށް އެދޭވޭ ކުޅުމެއް އާސެނަލް އަށް ދެއްކިފައެއް ނެތެވެ. އާސެނަލް އަށް އެމީހުންނަށްް ލިބިފައިވާ ލީޑު މެޗު ނިމެންދެން ދަމަހައްޓަން ނޭނގޭ ކަމަށް ކެރެގާ ބުންޏެވެ.

" މިއީ އާސެނަލް އަށް ދިމާވެފައިވާ ފިޒިކަލް މައްސަލަ އެއް ނޫން. މިއީ އެމީހުންގެ ވިސްނުމުގައިވާ ކަމެއް. އަދި މިކަން ހުރިހާ ކަމަކަށްވުރެ މުހިއްމު،" އިތުރަށް ވާހަކަ ދައްކަމުން ކެރެގާ ބުންޏެވެ.

މި ސީޒަންގައި އާސެނަލް ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެ ޓީމު އޮތީ ޕްރިމިއާ ލީގުގެ ތާވަލުގެ ހަ ވަނައިގައެވެ. އަދި މިރޭ ޗެމްޕިއަންސް ލީގުގައި ޑޯޓްމަންޑުގެ ސިގްނަލް އިޑުނާ ޕާކުގައި އެ ޓީމާ ދެކޮޅަށް ނުކުންނަ އިރު އާސެނަލް އަށް ވަނީ އަނިޔާގެ މައްސަލަތަކާ ދިމާވެފައެެވެ. އެންމެ ފަހުން މި ދެޓީމް ވާދަކުރި މެޗު 1-0 ން ކާމިޔާބުކުރީ އާސެނަލް އެވެ.