ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗްގީޒް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑަށް އެނބުރި އައުން ވަރަށް ގާތް ކަމަށް އެޓީމުގެ ލެޖެންޑް ގޭރީ ނެވިލް ބުނެފި އެވެ.

މިހާރު ފުޓްބޯޅަ ދުނިޔޭގައި އެންމެ ހޫނުކޮށް ދެކެވެމުންދާ އެއް ވާހަކައަކީ އަންނަ ޖެނުއަރީ ނުވަތަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލްއިން އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑް އާ ގުޅެން އުޅޭކަމުގެ ވާހަކަތަކެވެ.

ޔުނައިޓެޑް ގެ ކުރީގެ ޑިފެންޑަރު އަދި ކެޕްޓަން ގެރީ ނެވިލް ބުނީ ރޮނާލްޑޯ އަނބުރާ އޯލްޑް ޓްރަފޯޑަށް ގެނައުމުގެ ކަންތަކުގައި ރަނގަޅު އޮފާއެއް ހުށަހެޅުމަށް މިހާރު ޔުނައިޓެޑް އޮތީ ރަނގަޅު ޕޮޒިޝަނެއްގައި ކަމުގައެވެ.

"ޔުނައިޓެޑުން ޓްރާންސްފާ ބާޒާރުގައި ޑި މަރިއާ އަދި ފަލްކާއޯ ގަތުމުން ރޮނާލްޑޮ ގެ ޓްރާންސްފާއަކީ ވެދާނެ ކަމެއްކަން އިނގޭ. ޔުނައިޓެޑުން ވަނީ އެމީހުންނަކީ ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިންގެ ސޮއި އަތުލެވޭނެ ބައެއްކަން ދައްކާލާފައި،" ސްކައި ސްޕޯޓްސްއަށް މައުލޫމާތު ދެމުން ގެރީ ނެވިލް ބުންޏެވެ.

އެންމެ ފަހުގެ ފީފާ ބެލަން ޑޯ ކާމިޔާބުކުރި ރޮނާލްޑޯ މިހާރު ރެއާލްގައި ހޭދަކުރަމުން ދަނީ އެހާ އުފާވެރި ދުވަސްތަކެއް ނޫންކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތުން ރެއާލުން އާޖެންޓިނާގެ ތަރި އެންޖެލް ޑި މަރިއާ އަދި ސްޕެއިންގެ ޒަބީ އަލޯންސޯ ވިއްކާލުމާ ގުޅިގެން ރޮނާލްޑޯ ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

މީގެ އިތުރުން ރެއާލުން ރޮނާލްޑޯއަށް ދޭ މުސާރައާ މެދުގައި ވެސް އެހާ ހިތްހަމަ ނުޖެހޭކަން ރޮނާލްޑޯ ވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ. މިހާރުވެސް ޔުނައިޓެޑާއި އަލަށް ގުޅުނު ކޮލަމްބިއާގެ ފޯވަޑް ފަލްކާއޯ އަށާއި ވޭން ރޫނީ އަށްވެސް ރޮނާލްޑޯއަށް ލިބޭ މުސާރައަށްވުރެ ބޮޑު މުސާރައެއް ލިބޭ ކަމަށް ރިޕޯޓް ތައް ބުނެއެވެ.

އޯލްޑް ޓްރަފޯޑް ގައި ހޭދަކުރި ދުވަސްތަކުގެ މަތިން ހަނދާން ވާ ކަމަށާއި ކޮންމެވެސް ދުވަހަކުން ޔުނައިޓެޑަށް އަނބުރާ ދާން ބޭނުންވާކަމަށް މީގެ ކުރިން އެތައް ފަހަރަކު ރޮނާލްޑޯ ވަނީ ބުނެފައެވެ.

އުމުރުން 29 އަހަރުގެ ޕޯޗުގަލް ތަރި ވަނީ ރެއާލް މެޑްރިޑާއެކު މޮރީނިއޯގެ ދަށުން ލަލީގާގެ ޗެމްޕިއަން ކަމާއި ކޮޕަޑެލްރޭގެ އިތުރުން ނިމިގެން ދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ.