ޗެލްސީގެ ބެލްޖިއަމް ވިންގާ، އެޑިން ހަޒާޑުގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ފަސް އަހަރަށް އާކުރަން ހަމަޖެހިފައިވާއިރު އެ ކޮންޓްރެކްޓްގެ ދަށުން އޭނާއަކީ އެ ކްލަބުން އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާއަށް ވެގެންދާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ބެލްޖިއަމްގެ ގެ 23 އަހަރުގެ ހުނަރުވެރި ފޯވަޑް އެޑިން ހަޒާޑް ގެ އާ ކޮންޓްރެކްޓަގައި އޭނާއަށް މުސާރައެއްގެ ގޮތުގައި އަހަރަކަށް 10 މިލިއަން ޕައުންޑް ދިނުމަށް ޗެލްސީން ވަނީ ނިންމައިފައެވެ.

ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އާ އެއްބަސްވުމުގެ ހުރިހާ ކަމެއް ހަމަޖެހިގެން ދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަން ހަގީގަތަކަށް ވެއްޖެނަމަ ހަޒާޑް ވެގެންދާނީ ޗެލްސީގެ ތާރީޚްގައި ވެސް އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާ އަށެވެ.

ހަޒާޑް ޗެލްސީއާ ގުޅުނީ ހަފްތާއަކަށް 100،000 ޕައުންޑްގެ މުސާރައެއްގެ އެއްބަސްވުމުގެ ދަށުންނެވެ. އާ ކޮންޓްރެކްޓް ގެ ދަށުން މި އަދަދު ދެގުނަ އިތުރު ވެގެންދާނެއެވެ.

ފްރާންސްގެ ލިލް އިން 2012 ވަނަ އަހަރު 32 މިލިއަން ޕައުންޑްގެ އަގެއްގައި ޗެލްސީއާ ގުޅުމަށްފަހު ހަޒާޑް ވަނީ އެޓީމަށް 114 މެޗު ކުޅެދީ 31 ގޯލު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން ނިމިގެން ދިޔަ ސީޒަންގެ ޒުވާން އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ވެސް ހޯދީ ހަޒާޑް އެވެ.

ޗެލްސީގައި ހޭދަ ކުރި ފުރަތަމަ ދުވަސްކޮޅުގައި އުނދަގޫ ތަކަކާ ކުރިމަތިލުމަށްފަހު ހަޒާޑް ވަނީ ޕްރިމިއާ ލީގުގެ ފިޒިކަލް ގޭމަށް ހޭނި މޮޅު ކުޅުމެއް ދައްކަން ފަށައިފައެވެ. ހަޒާޑް އަކީ މިހާރު ޗެލްސީގެ އަންމެ އަގުބޮޑު މުދާކަމަށް ގިނަބަޔަކު ދެކެއެވެ.

މި ސީޒަންގައި އަލަށް ޗެލްސީއާ ގުޅުނު ސްޕެއިންގެ ސެސް ފެބްރިގާސް އަދި ޑިއޭގޯ ކޮސްޓާ އާއި ހަޒާޑް ގެ ޕާޓްނާޝިޕް ފެންނަނީ ވަރަށްވެސް ފުރިހަމަ ކޮށެވެ. އާ ސީޒަންގެ ލީގުގައި ކުޅުނު ހަތަރު މެޗުގައި ޗެލްސީގެ ފޯވަޑް ލައިނުން ވަނީ 15 ގޯލް އިދިކޮޅު ޓީމުތަކުގެ ގޯލަށް ވައްދާލާފައެވެ.

ޕްރިމިއާ ލީގް ސީޒަންގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ ޗެލްސީ އޮތީ ތާވަލުގެ އެންމެ ކުރީގައެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގައި މާދަމާ ރޭ ސްޓެމްފޯޑް ބްރިޖްގައި ޖަރުމަނުގެ ޝާލްކޭ އާ ދެކޮޅަށް ޗެލްސީ ނުކުންނާނެއެވެ.