16 Sep 2014, 18:19
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި މިރޭ ސްވިޑިޝް ޗެމްޕިއަން މަލްމޯއާ ދެކޮޅަށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ނުކުންނައިރު އެޓީމަށްވުރެ މަލްމޯގެ ފެންވަރު ރަނގަޅު ކަމަށް ޔުވެންޓަސްގެ ކޯޗު މެސިމިލިއާނޯ އަލެގްރީ ބުނެފި އެވެ.
ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗު ޔުވެންޓަސް މިރޭ ކުޅޭ އިރު އެޓީމު ހިމެނޭ ގްރޫޕް "އޭ"ގައި ދެން ހިމެނެނީ މަލްމޯއާއި އެތުލެޓިކޯއަދި އޮލިމްޕިއާކޯސް އެވެ.
އަލެގްރީ ގަބޫލު ކުރާ ގޮތުގައި އޭނާގެ ޓީމު އޮތީ، މަލްމޯއާ އަޅާކިޔާ އިރު ދަތި ހާލަތެއްގައެވެ. މަލްމޯއިން 23 މެޗު ކުޅެ ސްވިޑިޝް ލީގުގެ އެންމެ ކުރިއަށް އަރާފައިވާއިރު ޔުވެންޓަސް ކުޅެފައިވަނީ ހަމައެކަނި ދެ ލީގު މެޗެވެ.
އަލެގްރީ ބުނީ 'ހާލަތަށް' ބަލާއިރު މަލްމޯ އޮތީ ޖުވެންޓަސްއަށް ވުރެ ކުރީގައި ކަމަށާއި އެހެން ކަމުން މިރޭގެ މެޗަކީ ވަރަށް އުނދަގޫ މެޗަކަށް ވާނެ ކަމަށެވެ.
"މަލްމޯ ހަމަ ގައިމުވެސް މިވަގުތު ކޮންޑިޝަންގެ ގޮތުން އޮތީ އަހަރެމެންނަށް ވުރެ ރަނގަޅަށް. އެމީހުން އޮންނާނީ ވަރަށް އޯގަނައިޒް ކޮށްފަ. ވަރަށް ވިސްނައިގެން އަހަރެމެން މިރޭ ކުޅެން ޖެހޭނީ. އުނދަގު ވާނެ މިރޭ މޮޅުވާން. އެކަމަކު އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން،" އަލެގްރީ ބުންޏެވެ.
ޔޫރަޕުގެ ކްލަބަކާ ހަވާލުވެ ހުންނަތާ މިހާރު ފަސް އަހަރު ވާއިރު އެއްވެސް ވަނައެއް ލިބިފައި ނުވުމުން މިފަހަރު އެދެވޭ ވަނައަކަށް އުންމީދު ކުރާ ކަމަށް އަލެގްރީ ބުންޏެވެ.
"މިއީ ޔޫރަޕުގައި ހުންނަތާ ފަސްވަނަ އަހަރު. އެކަމު އަދިވެސް އެއްވެސް ވަނައެއް އަހަރެމެންނަކަށް ލިބިފައެއް ނުވޭ. އަހަރެންނަށް ޖެހޭނީ އިތުރަށް މަސައްކަތް ކުރަން. ވަރަށް ބޮޑަށް އުންމީދު ކުރަން ޔުވެންޓަސްއަށް ރަނގަޅު ކާމިޔާބީއެއް ލިބޭނެ ކަމަށް،" އަލެގްރީ ބުންޏެވެ.