ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފޯވަޑް ކަރިމް ބެންޒީމާ ގިނަ ގޯލް ތަކެއް ޖަހަން ޖެހޭ ކަމަށް ފްރާންސް ފުޓްބޯޅައިގެ ލެޖެންޑް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ބެންޒީމާއަށް އިންޒާރު ދެމުން ޒިދާން ބުނީ ފާޑު ކިއުންތަކާ ކުރިމަތިލުމަށް ބޭނުންވާނަމަ ގިނަ ގޯލްތަކެއް ޖެހުން މުހިއްމު ކަމަށެވެ.

" ބެންޒީމާ އަކީ މިހާރު ރެއާލްގަ ހުރި ހަމައެކަނި މެއިން ސެންޓަ ފޯވަޑް. އެކަމަކު ފަހަކަށް އައިސް އޭނާ އަށް ގޯލް ތަކެއް ޖެހިފައެއް ނެތް. އޭނާއެބަ ޖެހޭ ފްރާންސްގެ ގައުމީ ޓީމަށާއި ރެއާލް މެޑްރިޑަށް ގިނަ ގޯލްތަކެއް ކާމިޔާބު ކޮށްދޭން. ބެންޒީމާ އަށް ރަނގަޅަށް އިނގޭނެ އޭނާ އަކީ ކޮން ފެންވަރެއްގެ ކުޅުންތެރިއެއް ކަމާއި އޭނާގެ ފަރާތުން އުއްމީދުކުރެވޭ ވަރުވެސް،" ރެއާލް މެޑްރިޑް ސްޕޯޓްސް އަށް މައުލޫމާތު ދެމުން ޒިދާން ބުންޏެވެ.

" މިދިޔަ އަހަރު އަހަރެން ތަންކޮޅެއް ކައިރިން އޭނާ އާއެކީ އުޅުނިން. އެކަމަކު މި ސީޒަންގަ ރިޒާވް ޓީމައިގެން ބިޒީ ކޮށް އުޅޭތީ ކުރީގަ އުޅުނު ގޮތަކަށް އޭނާއާއެކީ ނޫޅެވޭ،" އިތުރަށް ވާހަކަދައްކަމުން ޒިދާން ބުންޏެވެ.

އާ ސީޒަންގެ ލަލީގާގައި ހަތަރު މެޗުން ބެންޒީމާއަށް ޖެހިފައިވަނީ އެންމެ ގޯލެކެވެ. ނިމިގެންދިޔަ ސީޒަންގެ ފަހުކޮޅުން ފެށިގެން ފޯމް ގެއްލުނު ނަމަވެސް ބެންޒީމާ ވަނީ ވޯލްޑް ކަޕުގައި އެދެވޭ ކުޅުމެއް ދައްކައި ފްރާންސް ޓީމަށް 3 ގޯލް ޖަހައިދީފައެވެ.

މި ސީޒަން ކާމިޔާބު ސީޒަނަކަށް ހެދުމަށްޓަކައި ބެންޒީމާގެ ފަރާތުން މޮޅު ކުޅުމެއް ފެންނަން ޖެހޭކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. ލަލީގާގައި މިވަގުތު ރެއާލް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 3 ޕޮއިންޓާއެކު ތާވަލުގެ ބާރަ ވަނައިގައެވެ.