16 Sep 2014, 16:40
ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ހުޅުޖަހައި އަންދާލި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓު އިމާރާތް ކުރުމަށް ބަޔަކާ ހަވާކުކޮށްފި އެވެ.
ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އިއްޔެ ބޭއްވި ރައްމިއްޔާތެއްގައި ޑިޕާޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިބްރާހިމް ވަހީދު އަލީއެވެ. އެ މަސައްކަތް ހަވާލު ކުރި ބީއޭޕީސީ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަބުދުﷲއެވެ.
މި މަޝްރޫއަށް ކޮންސަލްޓެންސީ ދެނީ މިނިސްޓްރީ އޮފް ހައުސިންގ އިންފްރާސްޓްރެކްޗަރގެ ފަރާތުންނެވެ.
ގދ. ތިނަދޫގައި ޢިމާރާތްކުރެވޭ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތުގެ މަސައްކަތުގެ ޖުމްލަ އަގަކީ 7,003,911.70 އެވެ. މަސައްކަތް ނިންމަން ކަނޑައެޅިފައިވާ މުއްދަކީ 170 ދުވަހުގެ ތެރޭގައެވެ.
ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ އެ ކޯޓު އިމާރާތް ކުރަނީ ޒަމާނީ ފެންވަރަށް، ގިނަ ވަސީލަތްތަކެއް ހިމެނޭ ގޮތަށް ކަމަށެވެ. އެގޮތުން، މި ކޯޓުގައި ސްޓޭންޑަރޑައިޒް ކުރެވިފައި ވާ ތިން ކޯޓު ރޫމް ހުންނާނެ ކަމަށް ޑިޕާޓުމަންޓުން ބުންޏެވެ.

ކޯޓު ރޫމްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސްގެ ވަސީލަތްތައް ވެސް ގާއިމު ކުރެވިފައި ހުންނާނެ ކަމަށާއި ތިން މެޖިސްޓްރޭޓުންނަށް މަސައްކަތްކުރެވޭގޮތަށް އިމާރާތްކުރެވޭ މިކޯޓުގައި ކޮންފަރެންސް ހޯލަކާއި، ވަކީލުންނަށް ހާއްސަ ކޮޓަރިއަކާއި، ބަންދު މީހުން ބޭތިއްބުމަށް ކަނޑައެޅިފައިވާ ބައެއް ހިނެމެނޭ ކަމަށް ވެސް ޑިޕާޓްމަންޓުން ބުންޏެވެ.
ފަންސަވީސް މުވައްޒަފުނަށް މަސައްކަތް ކުރެވޭގޮތަށް އިމާރާތްކުރެވޭ މިކޯޓުގައި އަރުޝީފަކާއި ސްޓޯރޫމަކާއި އަދި މެޖިސްޓްރޭޓް އެކޮމެޑޭޝަން ރޫމެއްވެސް ހިމެނޭނެއެވެ.
މިކޯޓަކީ 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހު ހުޅުޖަހައި އަންދާލި އަންދާލި ކޯޓުތަކުގެ ތެރެއިން ފުރަތަމަ އިމާރާތްކުރެވޭ ކޯޓެވެ. މިކޯޓު ހުޅުވާފައިވަނީ 2006 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އެ ކޯޓު އިމާރާތްކުރުމަށް ޖުމްލަ 1,655,790.79 ޚަދަރު ކުރެވިފައިވާއިރު، ކޯޓު އަންދާލުމުގެ ސަބަބުން ދައުލަތަށް ފަސް ލައްކަ ރުފިޔާގެ ގެއްލުންވެފައިވާކަމަށް ރެކޯޑުތަކުން ދައްކާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.
ތިނަދޫ ކޯޓުގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. އެއީ ގދ. އަތޮޅު ކައުންސިލްގެ ކުރީގެ މެމްބަރު އަހްމަދު ގައިސު އާއި ގދ. ތިނަދޫ ރިހިވެލި އަހްމަދު ރިޝާމް ޝަރީފާއި އެރަށު މިލާނޯ އިސްމާއީލް މުހައްމަދާއި އެރަށު ތިކްރީތް އަލީ ރަޝީދެވެ.

އެރަށު ޕޮލިސްޓޭޝަނަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ވެސް އެ މީހުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.