16 Sep 2014, 16:02
މޮސްކޯ (ސެޕްޓެމްބަރ 16) : ޔުކްރޭންގެ މައްސަލައާ ގުޅިގެން އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާ އަށް ގެއްލުތަކަކާ ކުރިމަތިލާންޖެހިދާނެ ކަމަށާ ނަމަވެސް އެފިޔަވަޅުތަކުގެ މައްޗަށް ކާމިޔާބު ހޯދުމުގެ ގާބިލްކަން ރަޝިޔާގެ ކިބާގައި އެބަހުރިކަމަށް އެގައުމުގެ ބޮޑުވަޒީރު ޑިމިޓްރީ މިޑްވެޑޭވް ވިދާޅުވެއްޖެ އެވެ.
ރަޝިޔާގައި ވެރިކަންކުރާ ޔުނައިޓެޑް ރަޝިޔަން ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިޑްވެޑޭވް ވިދާޅުވީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ކުރުމުއްދަތެއްގައި ރަޝިޔާ އަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާ ނަމަވެސް ހިކްމަތްތެރިކަމާ އެކު ބުރަމަސައްކަތްތަކެއް ކުރެވިއްޖެ ނަމަ މިފިޔަވަޅުތަކުގެ ނުރައްކަލުން ރަޝިޔާ އަށް ސަލާމަތްވެވިދާނެ ކަމުގަ އެވެ.
މިޑްވެޑޭވް ވިދާޅުވީ ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދުދިނުމުގެ ގޮތުން ވަރަށް ހިކްމަތްތެރިކަމާ އެކު ރަޝިޔާ އިން ވެސް ފިޔަވަޅުތަކެއް އަޅަމުން ގެންދާކަމަށާއި ރަޝިޔާގެ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަށް އެތަށް ބިލިޔަން ޑޮލަރެއްގެ އިގްތިސާދީ އަދި ވިޔަފާރީގެ ގެއްލުންތައް ލިބިގެންދާނެ ކަމުގަ އެވެ. ރަޝިޔާ އިން ވަނީ އެގައުމުން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ކޮންމެ އަހަރަކު އިންޕޯޓްކުރާ ގާތްގަނޑަކަށް 25 ބިލިޔަން އެމެރިކާ ޑޮލަރުގެ ކާބޯތަކެތި ބްރަޒިލްއާއި އާޖެންޓީނާއާއި ތުރުކީއާއި ދެކުނު އެފްރިކާއާއި ޗައިނާފަދަ ގައުމުތަކުން އެތެރެ ކުރުމަށް ނިންމާފައިވާކަން ހާމަކޮށްފަ އެވެ.
ރަޝިޔާގެ މިފިޔަވަޅުގެ ސަބަބުން އެމެރިކާ އަށް މާބޮޑު ގެއްލުމެއް ނުލިބޭނެ ކަމަށާއި ނަމަވެސް ޔޫރަޕަށް އަހަރަކު 15 ބިލިޔަން ޑޮލަރުގެ ގެއްލުމެއް ކުރިމަތިވާނެ ކަމަށް ކަމާ ބެހޭ ރިޕޯޓްތަކުގައި ލަފާކޮށްފައިވެ އެވެ. ޔުކްރޭންގެ މައްސަލާގައި އެމެރިކާ އާއި ޔޫރަޕްގެ އިއްތިޙާދުން ރަޝިޔާއާ ދެކޮޅަށް ތިން ފަހަރެއްގެ މަތިން ދަތިކުރުމުގެ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ.
މިފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ މާލީގޮތުންނާއި ބޭންކިންގް ދާއިރާއިން ދަތިކުރުމުގެ ފިޔަވަޅުތައް ރަޝިޔާއާ ދެކޮޅަށް އެޅުމާއި ބައެއް ބާވަތްތަކުގެ ޓެކްނޮލޮޖީ ރަޝިޔާއަށް ނުވިއްކުމާއި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގައިވާ ރަޝިޔާގެ ބައެއް މަސްއޫލުވެރިންގެ އެސެޓްތަކާއި އެކައުންޓްތައް ފްރީޒް ކުރުންފަދަ ކަންކަމެވެ. މީގެ އިތުރުން ގުދްރަތީ ގޭހާއި ތެލުގެ ސިނާއަތަށް ބޭނުންކުރާ ބޮޑެތި މެޝިނަރީތައް ރަޝިޔާގެ ތެލާއި ގޭހުގެ ކުންފުނިތަކަށް ނުވިއްކުން ވެސް އެމެރިކާއާއި ޔޫރަޕުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެ އެވެ.
މިފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ އިގްތިސާދު ކުރިއަރާ ނިސްބަތުން އެކެއް އިންސައްތަ ދަށަށްދާނެ ކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)