އިސްލާމިކް ސްޓޭޓް ( އައިއެސް)ގެ ނަމުގައި ހަރަކާތްތެރިވަމުން އަންނަ ޖަމާއަތުން އެމީހުންގެ ވެރިރަށުގެ ގޮތުގައި ބަލަމުން އަންނަ ސޫރިޔާގެ ރައްގާ އަށް ބޮން އަޅަމުން ދިޔަ ސޫރިޔާ ސިފައިންގެ މިލިޓަރީ ޖެޓެއް އެޖަމާއަތުގެ ހަނގުރާމަވެރިން މިއަދު ވައްޓާލައިފި އެވެ.

ސޫރިޔަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސްއާ ހަވާލާދީ ގަލްފު ނިއުސް އިން މިއަދު ބުނީ ފުރާތު ކޯރުގެ އައްސޭރީގައިވާ ރައްގާ އަށް ބޮން އަޅަމުން ދިޔަ އެ ބޯޓަށް އައިއެސް އިން ހަމަލާ ދެނިކޮށް ވެއްޓުނީ މީހުން ދިރިއުޅޭ ގެއެއްގެ މައްޗަށް ކަމަށެވެ.

ބޯޓު ވައްޓައިލުމުން ބިންމަތިން ވެސް މީހުން މަރުވި ކަމަށް ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ނަމަވެސް މަރުވީ ކިތައް މީހުން ކަމެއް އަދި ނުބުނެ އެވެ.

ސޫރިޔާ ސިފައިންގެ މަތިންދާބޯޓެއް އައި އެސް އިން ވައްޓައިލުމުގެ ކުރިން މިއަދު ވެސް އެފަދަ ބޯޓްތަކުން ރައްގާއަށް ފަސް ފަހަރު ބޮން އެޅި އެވެ. ސޫރިޔާގެ ވައިގެ ސިފައިން ކޮންމެ ދުވަހަކު ވެސް ދަނީ އާއްމުން ގިނަ ސަރަހައްދުތަކަށް ބެރަލް ބޮން އަޅަމުންނެވެ.