ތައުލީމު ހާސިލްކުރުމަށް ކަމަށް ބުނެ މީގެ 60 އަހަރު ކުރިން ރާއްޖެ އިން ބޭރަށް ދިޔަ ސ. ހިތަދޫ، މުގުރިގޭ، މުހައްމަދު ސައީދު އޭނާގެ އާއިލާގެ މީހުންނާ ބައްދަލު ކުރަން ރާއްޖެ އަތުވެއްޖެ އެވެ.

މުހައްމަދު ސައީދުގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ އޭނާ ރާއްޖެ އައީ މިއަދު ހެނދުނު 10:15 އެހައިކަންހާ އިރު ކަމަށާއި މިހާރު އޭނާ ހުރީ ހުޅުމާލޭގައި ކަމަށެވެ. އަދި މިއަދު ހަވީރުގެ ވަގުތެއްގައި އައްޑޫއަށް ދިޔުމަށް އޭނާ ފުރާނެ ކަމަށް ވެސް އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ އަށް މިހާރު 73 އަހަރު ވެފައިވާ ކަމަށާއި ދިވެހި ބަހުން ވާހަކަ ދައްކަން ނޭގުނު ނަމަވެސް ލިޔެފައި ހުންނަ އެއްޗިހި އޭނާ އަށް ކިޔަން އެނގޭ ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މުހައްމަދު ސައީދު މިއަދު ރާއްޖެއައީ އިންޑިއާގެ ރައްޔިތެއްގެ ގޮތުގައި ހައިދަރުއާބާދުގައި ގިނަ އަހަރުތަކެއް ވަންދެން ހޭދަކުރުމަށް ފަހު އެވެ.

އޭނާގެ އާއިލާއިން ވާހަކަ ދެއްކި މީހާ ބުނީ ސައީދުގެ ހަތް ދަރިން ތިބޭ ކަމަށާއި އެއީ ފިރިހެން ދެ ކުދިންނާއި ފަސް އަންހެން ކުދިން ކަމަށެވެ. އޭގެތެރެއިން ދެ ކުދިން އުޅެނީ މީހުންނާއި އިނދެގެން ދުބާއީގައި ވަޒަންވެރިވެގެން ކަމަށާއި ބާކީ ތިބި ފަސް ކުދިން އުޅެނީ ހައިދަރު އާބާދުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

އުމުރުން 73 އަހަރުގެ ސައީދު މާލެ އަށް އައީ އިންޑިޔާގެ ހައިދަރުއާބާދުން ދިގު ދަތުރެއްކޮށްފައި މިއަދު ހެނދުނު 10:15 އެހާކަންހާ އިރު އެވެ. އަދި މިއަދު ހަވީރުގެ ވަގުތެއްގައި އޭނާގެ އުފަން ރަށް ސ. ހިތަދޫއަށް ފުރާނެ އެވެ. މިވަގުތު ސައީދު ހުރީ ހުޅުމާލޭގަ އެވެ.