19 Jan 2011, 22:21
އަރީޙާ : ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު، ރަޝިޔާއިން ފަލަސްތީނުގެ މިނިވަން އަދި މުސްތަޤިއްލު ދައުލަތަށް 1988 ގައި އިޢްތިރާފް ވެފައިވާ ކަމަށާއި މިހާރުވެސް ރަޝިޔާ އޮތީ މިއިޢްތިރާފްގެ މަތީގައި ކަމަށް ރަޝިޔާގެ ރައީސް ޑިމިޓްރީ މިޑްވިޑޭވް ވިދާޅުވެއްޖެއެވެ.
ހުޅަނގު އައްސޭރީގެ އަރީހާގައި ފަލަސްތީނުގެ ރައީސް މަޙްމޫދް ޢައްބާސްއާ ބައްދަލު ކުރެއްވުމަށްފަހު ރަޝިޔާގެ ރައީސް ވިދާޅުވީ ރަޝިޔާއިން ފަލަސްތީނުގެ މިނިވަން ދައުލަތް ޤަބޫލުކުރާ ކަމަށާއި އިރުމަތީ ޤުދްސަކީ ފަލަސްތީނުގެ ވެރިރަށަށްވާ ގޮތަށް ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްތީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމް ކުރުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއް ކަމަށެވެ. އަދި ފަލަސްތީނުގެ ހިފާފައިވާ ބިންތަކުން ފާބައި ފަލަސްތީނުގެ ނިގުޅައިގަނެފައިވާ ހައްޤުތައް އަނބުރައި ދިނުމަށް ރަޝިޔާއިން އިސްރާއީލަށް ބާރުއަޅާ ކަމަށްވެސް މިޑްވިޑޭވް ވިދާޅުވިއެވެ.
މިޑްވިޑޭވްއާ ބައްދަލުކުރެއްވުމަށްފަހު ފަލަސްތީނުގެ ރައީސް މަޙްމޫދް ޢައްބާސް ވިދާޅުވީ އިސްރާއީލަށް އޮތީ ދެގޮތްކަމަށާއި އެއްގޮތަކީ ސުލްޙަވެރިކަމާއެކު ވާހަކަ ދައްކައިގެން ފަލަސްތީނުގެ ހައްޤުތައް ދީ ފަލަސްތީނުގެ ބިންތަކުން ފާބައި ފަލަސްތީނުގެ މިނިވަން މުސްތަޤިއްލު ދައުލަތް ވުޖޫދަށް އައުމުގެ ފުރްސަތު ދިނުން ކަމުގައެވެ.
އަނެއް ގޮތަކީ ފަލަސްތީނުގެ ހަޢްޤުތައް ހޯދުމަށްޓަކައި ހަތިޔާރުންކުރާ ޖިހާދާ ކުރިމަތިލުން ކަމުގައެވެ. މިނިވަން ކަމަށްޓަކައި ޖިހާދުކުރުމަކީ މިނިވަންކަން ގެއްލިފައިވާ ހުރިހާ ރައްޔިތުންވެސް ދުނިޔޭގެ ތާރީޚުގައި ކޮށްފައިވާ ކަމެއް ކަމަށް ޢައްބާސް ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ ހައްޤުތައް އަނބުރައި ދިނުމަށް އިންކާރުކުރާނަމަ ޓެރަރިޒަމާއި ހަރުކަށި ޢަމަލުތަކާ އިސްރާއީލަށް ކުރިމަތިލާން ޖެހޭނެ ކަމަށްވެސް ޢައްބާސް ވިދާޅުވިއެވެ. މިޑްވިޑޭވްއަކީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކަށް ޒިޔާރަތް ކުރެއްވި ރަޝިޔާގެ ފުރަތަމަ ރައީސެވެ.