ޕެންޝަން ސްކީމަށް އާންމުން ހޭލުންތެރި ކުރުމަށާއި ކުންފުނިތައް އޮޑިޓް ކުރުމަށް ޕެންޝަން އޮފީހުގެ ޓީމެއް ނ. އަތޮޅާއި ޅ. އަތޮޅަށް ދަތުރެއް ފައްޓައިފިއެވެ.

ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއިލް ސުޖާއު މިއަދު 'ސަން' އަށް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ކުރިއަށްގެންދާ އެދަތުރުތަކުގެ މައިގަނޑު ބޭނުމަކީ ޕެންޝަން ސްކީމަށް މީހުން ހޭލުންތެރިކުރުވުމާއި ވަޒީފާ ދޭ ފަރާތްތައް އޮޑިޓް ކުރުން ކަމަށެވެ.

"މި ދަތުރުތަކުގައި ސްކޫލް ކުދިންނަށް ވަކިން ޚާއްސަ ސެޝަން ތަކަކާއި އާންމުނަށް މައުލޫމާތު ދިނުމުގެ ޚާއްސަ ސެޝަންތަކެއް ބާއްވަން ހަމަޖެހިފައިވޭ،" ސުޖާއު ވިދާޅުވިއެވެ.

އެ ސެޝަންތަކުގައި މައުލޫމާތު ދިނުމުގެ އިތުރުން އެ އަތޮޅުކުގަިއ ހަރަކާތްތެރިވާ ވަޒީފާ ދޭ ފަރާތްތަކުން ޕެންޝަން ގާނޫނާއި އެއްގޮތަށް އަމަލުކުރޭތޯ ބަލައި އިސްލާހު ކުރަންޖެހޭ ކަންކަން އިސްލާހުކުރުމަށްވެސް އަންގާނެކަމަށް ސުޖާއު ވިދާޅުވިއެވެ.

ޕެންޝަން އޮފީހުން ދަނީ އަތޮޅުތެރޭގެ އިތުރުން މާލޭގައިވެސް އެފަދަ ޝެޝަންތައް ދޭތެރެ ދޭތެރެއިން ބާއްވަމުންނެވެ.