16 Sep 2014, 14:50
ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި އެންމެބޮޑު މާކެޓެއް އޮތް ރަޝިއާގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ރަޝިއަން ޓްރޭވަލް މާކެޓް "އޯޑިހް" ފެއާގައި މަޓާޓޯ އިން ބައިވެރިވެއްޖެ އެވެ.
ރަޝިއާގެ މޮސްކޯގައި މިއަދު ފަށައިގެން ކުރިއަށް ގެންދާ އެ ފެއާއާއި ބެހޭގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރޭވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ސެކެޓްރީ ޖެނެރަލް އިބްރާހިމް މުނާޒު "ސަން" އަށް ވިދާޅުވީ "ޔޫރޯ އެކްސްޕޯ" އިން އިންތިޒާމުކުރާ އެ ފެއާގައި މަޓާޓޯގެ ފަރާތުން ރާއްޖޭގެ ރިސޯޓްތަކާއި ޓޫރިޒަމް ދާއިރާގެ އެކި ދިމަދިމާލުން ޖުމްލަ އަށް ފަރާތް ބައިވެރިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ފެއާގައި މަޓާޓޯ އިން ބައިވެރިވުމުގެ އެންމެބޮޑު އެއް ބޭނުކަމީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކަށް ކުރިއަށް ދިއުމަށް އިތުރު ފުރުސަތުތައް ހޯދައިދީ އެ ފަރާތްތަކަށް ޓޫރިޒަމް ދާއިރާގައި އިތުރަށް މާކެޓް ހޯދައިދިނުން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ފެއާގެ ތެރޭގައި ރާއްޖެއިން ބައިވެރިވި އެޖެންޓުންނަށް ވެސް އެ މީހުންގެ މާކެޓް އިތުރަށް އިޝްތިހާރު ކޮށް އިތުރު މާކެޓްތަށް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ބޭރުގެ އެޖެންޓުންނާ ބައްދަލުވެ ކޮންޓްރެކްޓް ހެދުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު މާކެޓްތައް ލިބި ފަތުރުވެރި ކަމުގެ ސިނާއަތް އިތުރަށް ކުރިއަރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ފެއާ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.