ސައްޚަ ނޫން އެމެރިކާ ޑޮލަރުން ވިޔަފާރި ކުރި މީހަކު ދެ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މ. ލަވްނެސްޓް މޫސާ ނަސީމް ދެ އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:07 އެހައިކަންހާއިރު ފިހާރައަކުން އޭނާ ގަތް ތަކެއްޗަށް ފައިސާ ދެއްކުމުގެ ގޮތުން 100 ޑޮލަރުގެ ސައްޚަ ނޫން ނޫޓެއް ދީފައިވާ މައްސަލައާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އަށް ނަސީމް އިންކާރު ކުރިނަމަވެސް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި މިއީ އެފަދަ ކުށެއް އޭނާގެ މައްޗަށް ސާބިތުވާ ދެވަނަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.