16 Sep 2014, 13:02
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމުގެ ދަޢުވަތަކަށް، ޗައިނާގެ ރައީސް ޝީ ޖިންޕިންގާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕެންގް ލިޔުއާން ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ. ޗައިނާގެ ރައީސްގެ ދެކަނބަލުންނަށް އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަޕޯޓުން އަލްވަދާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގް ރާއްޖެ އަށް ކުރެއްވި މި ދަތުރުފުޅުގައި ދިވެހި ރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވި އެވެ. މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މާލެ-ހުޅުލެ ބްރިޖް މަޝްރޫޢު ކުރިޔަށް ގެންދިއުމުގައި ޗައިނާ ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޓަކައި ޝުކުރުއަދާ ކުރެއްވި އެވެ. ޗައިނާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، އެއްގޮތް ސިޔާސަތުތަކާއި ގުޅިގެން ކުރެވިފައިވާ މަސައްކަތްތަކުގެ ސަބަބުން ޗައިނާއާއި ރާއްޖެއާ ދެމެދު ޤާއިމްވެފައިވާ ގުޅުން އައު އުސްމިންތަކަކަށް ގެންދެވިއްޖެ ކަމުގައި ވިދާޅުވި އެވެ.
ރަސްމީ ވާހަކަފުޅުތައް ފެށްޓެވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާއާއި ޗައިނާގެ ރައީސާއި ވަކިން ބައްދަލުކޮށްލެއްވި އެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ޝީގެ ޒަޢާމަތުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ވަރަށް ފުޅާ ދާއިރާއެއްގައި ބަދަހިވެފައިވާކަން ފާހަގަކުރައްވައި ޗައިނާ ސަރުކާރުން ދިވެހިރާއްޖެ އަށް އަބަދު ވެސް ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ. އަދި ރާއްޖެއަކީ ޗައިނާގެ ގާތް އަވަށްޓެރި ގައުމެއް ކަމުގައި ވިދާޅުވެ، މެރިޓައިމް ސިލްކް ރޯޑްގެ ސަބަބުން، ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަން ޔަގީންކުރައްވާ ކަމުގައި ޗައިނާގެ ރައީސް ވިދާޅުވި އެވެ.
ރައީސް ޝީގެ މި ދަތުރުފުޅުގައި ޗައިނާއާއި ދިވެހިރާއްޖެއާ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ، ސިއްޙީ، އަދި ވަޒީފާގެ ގުޅުން ބަދަހިކުރުމާ ބެހޭ މުހިންމު ނުވަ އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އެ ސޮއިކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޚަބަރު ފަތުރާ ވަޞީލަތްތަކަށް މަޢުލޫމާތު ދެއްވަމުން، ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން ތަފާތު ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވި އެވެ.
މި ދަތުރުފުޅުގައި ޗައިނާގެ ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީ ޖާފަތެއް ރޭ ވަނީ ބާއްވަވާފަ އެވެ.