ގެވެށި އަނިޔާއާ ބެހޭ ގާނޫނު ރަނގަޅަށް ތަންފީޒު ނުކުރާތީ އަންހެނުންގެ ހައްގުތައް ނުލިބޭ ކަމަށް އެޗުއާރުސީއެމުން ބުނެފި އެވެ.

ރާއްޖޭގައި ހުރި އިންސާނީ ހައްގުތަކާ ގުޅުން ހުރި މައްސަލަތައް ދެނެގަނެ، އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު(ޔޫއާރްޕީ) ރިޕޯޓްގައި ބުނެފައި ވަނީ ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުން ގާނޫނު ރަނގަޅަށް ތަންފީޒު ނުކުރުމުގެ ސަބަބުން ގެވެށި އަނިޔާގެ މައްސަލަތަކަށް ހައްލެއް ނުލިބިދާ ކަމަށެވެ.

މީގެ އިތުރުން ގެވެށި އަނިޔާގެ މައްސަލަތަކަކީ އާއިލީ މައްސަލައެއް ކަމަށް ބަލައި މައްސަލަތައް ފުލުހުން ނުބަލާކަން ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް ގެވެށި އަނިޔާ ލިބިގެން މިހާތަނަށް ހުށަހަޅާފައި ހުރި މައްސަލަތަކުގެ އެއްވެސް ތަފާސްހިސާބެއް އެޗުއާރުސީއެމްއަކުން އެ ރިޕޯޓުގައި ފާހަަގަކޮށްފައެއް ނުވެ އެވެ.

އެޗުއާރުސީއެމްގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު މަދުކަން ފާހަގަކޮށްފައިވެ އެވެ. އެހެން ދިމާވާ މައިގަނޑު ސަބަބެއްކަމަށް ފާހަގަ ކޮށްފައި ވަނީ އެފަދަ މައްސަލަތަކުގެ ސަބަބުން މީހާ ބަދުނާމުވެ ލިބެން ޖެހޭ ހިމާޔަތް ނުލިބުން ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ފުލުހުންގެ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން ގެވެށި އަނިޔާގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާ މިންވަރު ވަނީ 25 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

އެކޮމިޝަނުން ވަނީ ގެވެށި އަނިޔާގެ މައްސަލަތަކަށް ހައްލު ކުރާނެ އެކަށީގެންވާ މެކޭނިޒަމްއެއް ރާއްޖޭގައި ނެތް ކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި ގެވެށި އަނިޔާގެ މައްސަލަތަކުގައި ހަރުކަށި އަދަބުދެމުންނުދާ ކަމަށް ވެސް އެޗުއާރުސީއެމުން ބުނެފައިވެ އެވެ.

އެކޮމިޝަނުން ބުނީ ދީނީ ގޮތުން ގަބޫލު ކުރާ ކަންތައްތަކާ އަހަރުމެންގެ އާދަކާދައިގައި ހުރި ގަބޫލު ކުރުންތަކުގެ ސަބަބުން އަންހެނުންގެ ހަރަކާތްތެރިވުމަށް ހުރަސްއެޅިފައިވާ ކަމަށެވެ.