އެފްރިކާގެ ގައުމުތަކުން ޔޫރަޕަށް ހިޖުރަކުރަން އުޅުނުމީހުން ގޮވައިގެން ދަތުރުކުރި ދެބޯޓެއް މިދިޔަ ހަފުތާފައި ފެތި 700 މީހުން މަރުވެފައިވާ ކަމަށް އިންޓަނޭޝަނަލް މައިގްރޭޝަން އޯގަނައިޒޭޝަން (އައިއެމްއޯ) އިން ބުނެފި އެވެ.

އައިއެމްއޯ އިން ބުނެފައިވާ ގޮތުގައި ހިޖުރަކުރުމުގެ ތެރޭގައި މިދިޔަ ހަފުތާގައި މަރުވި 700 މީހުންގެ ތެރެއިން 500 މީހުން މަރުވީ ފަލަސްތީނާއި މިސްރާއި ސޫދާނުގެ މީހުންނައިގެން ބަރުކޮށްގެން ދަތުރުކުރި ބޯޓެއްގައި އެހެން ބޯޓަކުން ޖައްސައި މޯލްޓާގެ ކައިރިއަށް ފައްތާލުމުގެ ސަބަބުން މަރުވިމީހުންނެވެ. އަދި އަނެއް 200 މީހުން މަރުވީ 250 މީހުން ގޮވައިގެން ދަތުރުކުރި ބޯޓެއް ލީބިޔާ ކައިރިއަށް ބަންޑުން ޖަހައިލުމުގެ ސަބަބުންނެވެ.

އައިއެމްއޯއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ ހިޖުރަކުރުމުގެ ތެރޭގައި މިދިޔަ ހަފުތާގައި މަރުވި މީހުންގެ އަދަދަކީ މިދިޔަ އަހަރު، މުޅި އަހަރުތެރޭގައި އެގޮތަށް މަރުވިމީހުންނާ އެއްވަރުގެ އަދަދެއް ކަމަށެވެ. އަދި ބުނީ ހިޖުރަކުރުމުގެ ތެރޭގައި މިއަހަރު މަރުވި މީހުންގެ އަދަދު މިހާރު 2900 އަށް އަރާފައިވާ ކަމަށެވެ. އެފަދަ ހާދިސާތަކުގައި ފާއިތުވި 20 އަހަރުގެ ތެރޭގައި 20،000 އަށް ވުރެ ގިނަމީހުން މަރުވެފައިވާ ކަމަށް ވެސް ބުންޏެވެ.